އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި އިރު، އެސްޓަން ވިލާއިން ޓޮޓެންހަމްވެސް ބަލިކޮށްފިއެވެ.
ރޭ ޗެލްސީން އަމިއްލަ ދަނޑުގައި 1-0 އިން ޔުނައިޓެޑް ބަލިކޮށްފައިވާ އިރު، އެ ނަތީޖާއާއެކު ޗެލްސީ ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. ޔުނައިޓެޑާއި ޓޮޓެންހަމްއަށްވެސް ލީގުގައި ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރޭ 2-0 އިން ވިލާ ކައިރިން ބަލިވެ، ޓޮޓެންހަމް އޮތީ 17 ވަނައިގައެވެ.
ޓޮޓެންހަމްއަށް 37 މެޗުން ލިބުނީ އެންމެ 38 ޕޮއިންޓެވެ. ޔުނައިޓެޑް 16 ވަނައިގައި އޮތީ 37 މެޗުން 39 ޕޮއިންޓާއެކުގައެވެ.
ގަދަ ފަހަކަށް ފޯރިގަދަވެފައިވާ އިރު، ޗެލްސީ މިވަގުތު ހަތަރު ވަނައިގައި އޮތީ 37 މެޗުން 66 ޕޮއިންޓާއެކުގައެވެ. ޗެލްސީއަށް ބާކީ އެންމެ މެޗެއް އޮތް އިރު، ދެން އޮތް ނޮޓިންހަމް ފޮރެސްޓް މެޗުން ނަތީޖާ ނެރެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޔަގީން ކުރެވެން އެބައޮތެވެ. ވިލާއިން ރޭ ހޯދި މޮޅާއެކު ފަސްވަނައިގައި އޮތީ 37 މެޗުން 66 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 36 މެޗުން ލިބިފައި ވަނީ 65 ޕޮއިންޓެވެ.
ޔުނައިޓެޑުން ރޭ 16 ވަނަ މިނެޓުގައި ބޯޅަ ގޯލު ތެރެއަށް ވައްދާލިއެވެ. ބްރޫނޯ ފެނާންޑޭޒްގެ ހުރަހަކަށް ކުރިއަށް ޖެހި، ހެރީ މެގުއާ ބޮލުން ބޯޅަ ގޯލަށް ވައްދާލައި އުފާފާޅުކުރި ނަމަވެސް، ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ މެގުއާ އިންޗިއެއްހާތަން އޮފްސައިޑްގައި އޮވެ ބޯޅައަށް މަސައްކަތް ކުރި ކަމަށް ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމުން ދެއްކުމާ ގުޅިގެންނެވެ.
އޭގެ ފަހުން ޗެލްސީން ކޮންމެވެސް ވަރަކަށް ނުރައްކާކޮށް، ހާފު ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ މޭސަން މައުންޓަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
މެޗުގެ 61 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޗެލްސީގެ ޓައިރީގް ޖޯޖަށް، ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް، ރެފްރީ ވަނީ ފަހުން އެ ނިންމުން ބަދަލުކޮށްފައެވެ.
ދެވަނަ ހާފުގައި ޗެލްސީން ބޮޑަށް މެޗު ޑޮމިނޭޓް ކުރަމުން ގޮސް ލީޑު ނެގީ 71 ވަނަ މިނެޓުގައެވެ. އެއީ ދެ ސައިޑް ބެކުންގެ ރަނގަޅު ކުޅުމަކުންނެވެ. އޭރިއާ ބޭރުން ރީސް ޖޭމްސް، ރީތިކޮށް އެނބުރިލާފައި އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ގޯލަށް ވައްދާލީ މާކް ކުކުރޭޔާއެވެ.
އޭގެފަހުން މާބޮޑު ނުރައްކަލެއް ފެނިގެން ގޮސްފައިނުވާ އިރު، ޔުނައުޓެޑްގެ އަމަޑް ޑިއާލޯ ފޮނުވާލި ހަމަލާ މަތަކުރީ ޗެލްސީ ކީޕަރު ރޮބާޓް ސަންޗޭޒްއެވެ.
ވިލާއިން ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިކުރީ ފަހު ހާފުގައި ދެ ގޯލު ޖަހައިގެންނެވެ. އެޓީމުގެ ގޯލުތައް ޖެހީ އެޒްރީ ކޮންސާއާއި ބޯބަކާރު ކަމަރާއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު