ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ގައުމީ ފެންވަރުގައި މި އަހަރުގެ އަޟްހާ އީދު ފާހަގަކުރާ ރަށްތައް ކަނޑައަޅައިފިއެވެ.

ބަހާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި އަހަރު އަޟްޙާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ރަށްރަށަކީ އެ ހަރަކާތަށް ޝައުގުވެރިކަން ފާޅުކޮށް, ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން "ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްރަށެވެ.

އެގޮތުން އެންމެ މަތިން ޕޮއިންޓް ލިބި, މި އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ހއ. ކެލާ, ކ. ގުރައިދޫ, އަދި ލ. ގަމެވެ.

ބަހާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މީގެ އިތުރަށް ހުޅުމާލޭގައި ކުޑަކުދީންނާއި އާއިލާތަކަށް ހާއްސަކޮށް ވަރަށް ޝައުގުވެރި ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ކޮންމެ ކުލަގަދަ އީދަކީވެސް އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރެވޭ, ދިވެހީންގެ މެދުގައިވާ އެއްބައެއްވަންތަ ވިސްނުން ތަރައްގީކުރާނޭ އުފާވެރި އިހުތިފާލުތަކަށް ހެދުންކަމަށްވެސް ބަހާ ބެހޭ ވުޒާރާއިން ބުންޏެވެ.