ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރުގެ ހެކިބަސް ނެގުމަށް މިއަދު ނިންމި ކަމުގައިވިޔަސް އޭނާއަށް ޗިޓު ރައްދު ނުކުރެވޭތީ އޭނާގެ ހެކިބަސް މިއަދުގެ ނެނގޭ ގޮތެއް ނުވިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބައްސާމުގެ މައްޗަށް ކުރާ ދައުވާތަކުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ، ކޯޓު އޮފިސަރުން އަލީ އުމަރަށް ޗިޓު ހަވާލުކުރަން ދިޔަ ނަމަވެސް ޗިޓު ރައްދު ކުރެވޭ ގޮތް ވެފައި ނުވާ ކަމަށެވެ.
އެހެންވެ ގާޒީ ވަނީ މި މައްސަލައިގައި ދައުލަތުން ދެން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެވެ. އެއީ އެފްއޭއެމްގެ އެކައުންޓިން އޮފިސަރު އައިޝަތު ވަފުދާ އަދި އެފްއޭއެމްގެ ފައިނޭންސްގެ ހެޑް މުހައްމަދު އަގީލްއެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާދުގެ ހެކިބަސް ވަނީ ނަގައިފަ އެވެ.
ހިޔާންތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފެޑަރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޮސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމް އަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ" ބައްސާމްއަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.
އެ ކުށް ސާބިތުވެއްޖެ ނަމަ ބައްސާމްގެ މައްޗަށް އެއް އަހަރާއި ހަތްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޕީފާއިން ދިން ޑޮލަރު އޭނާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ބަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީ އާއި އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ, ކުރާނެ ހުކުމަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަރަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ފަށައިފައިވާ އިރު، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެޕާޓްމެންޓެއް ގަނެފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް ބައްސާމުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވަނީ ޕީޖީއަށް ފޮނުވައިފައެވެ.
ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އިތުރު ދައުވާއެއް މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ދެ ދައުވާގެ އަޑުއެހުންތައް އަދި ކޯޓުގައި ފަށާފައެއްނުވެއެވެ.
އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް