ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންްގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަޑިޔާރުން ކަަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުމުން އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ހުސްވި ފެބްރުއަރީ މަހުގައެވެ. އޭގެފަހުން އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށިއެވެ.

އޭގެ ތެރެއިން އަޒްމިރަލްދާ އާއި މަހާޒްގެ ސުލޫކީ މައްސަލަ ބަލަން ފެށީ ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

ސުއޫދުގެ ސުލޫކީ މައްސަައެއްގެ ގޮތުގައި ބަލަމުންދިޔައީ، ސުޕްރީމް ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަދައްކާފަައިވާ ކަމުގެ ތުހުމަތުގައެވެ. އެ މައްސަލަތަކަކީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް ހިންގާ ކަމެއް ކަަމަށް ބުނެ އެ ތުހުމަތުތަކަށް އެ ބޭފުޅުން ވަނީ އިންކާރު ކުރައްވައިފައެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ހަތަރެއް މާޗުގައި ސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިއެވެ.

މި ތިން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށި އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގެންނަން އުޅުނު އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށަން އޭރު އޮތީ ތައްޔާރުވެފައެވެ.

އަދި އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި ދުވަަހަކީ އެ ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް މެންބަރުންނާމެދު އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި އޮތް ދުވަހެވެ.

ގާނޫނު ބުނާ ގޮތުން އެފަދަ ދުސްތޫރީ މައްސަލައެއް ބެލޭނީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި ހިމެނޭ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަޑިޔާރުން ސަސްޕެންޑް ކުރުުމުން އެ ދުސްތޫރީ މައްސަލަ ވަނީ ހުއްޓިފައެވެ.

އަޒްމިރާލްދާއާއި މަހާޒް އެ ބޭފުޅުންގެ މައްޗަށް ޖޭއެސްސީން ކުރި ތުހުމަތުތަކަށް އިންކާރުކޮށް، އެ މައްސަލަތައް ޖޭއެސްސީން ބަލަމުންދިޔައިރު، ހާޒިރުވެ ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށްވެސް އެދުނެވެ. ނަމަވެސް ޖޭއެސްސީން އެ ފުރުސަތެއް ނުދިނެވެ.

ޖޭއެސްސީން ސުލޫކީ މައްސަލަ ބެލުމަށްފަހު، އަސްމިރަލްްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި އެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައި ދިނުމަށް އެދި އެ މައްސަލަ މަޖިލީހަށް ފޮނުވީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެކަން މަޖިލިސް ތަޅުމުގައި އިއުލާން ކުރުމަށްފަހު، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މައްސަލަ ފޮނުވީ، މި މަހުގެ ހަތްވަނަ ދުވަހުއެވެ.

ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ އެ މައްސަލައަށް ޖަވާބުދާރީ ވުމަށްވެސް އަޒްމިރަލްދާ ހުށަހެޅުއްވިއެވެ. ނަމަވެސް އެ މައްސަލަ ދިރާސާކުރަން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުން ފާސްކުރީ އެ ފުރުސަތު އަޒްމިރަލްދާ އަށް ނުދިނުމަށެވެ.

އެ މައްސަލަ ކޮމިޓިން ދިރާސާކޮށް، މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީ ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށް އެކަމާމެދު ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމަށް ކޮމިޓީ ރިޕޯޓް ފޮނުވިއެވެ.

ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، ވޯޓަށް އެހުމުން ފަނޑިޔާރުކަމުގެ މަގާމުން އަޒްމިރަލްދާ ވަކިކުރަން ވޯޓު ދެއްވީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން ވެރިކަންކުރާ ޕީއެންސީގެ 68 މެންބަރުންނާއި އަމިއްލަ ގޮތުން ހޮވިވަޑައިގެން އިންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.

އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އަމިއްލަ ގޮތުން ހޮވިވަޑައިގެން އިންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނާއެކު އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ. ފަނޑިޔާރުކަމުން އަޒްމިރަލްދާ ވަކިކުރަން 53 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.