ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރަން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާ މެންބަރު އަލީ މޫސާ މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވާ އެ ބިލުގައި ބުނެފައިވާ ގޮތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި އިލެކްޝަން ބާއްވަންޖެހޭތީއާއި އޭގެ ސަބަބުން އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދިއުން ކަމަށެވެ.
ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި އިލެކްޝަންތައް ގިނަގިނައިން ބާއްވަން ނުޖެހޭ ގޮތަށް ހަމަޖެއްސުންވެސް އެ ބިލު މަޖިލީހަށް ފޮނުވުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ބޭއްވުން ލާޒިމެއް ނޫނެވެ.
ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބައި އިލެކްޝަން ބާއްވަން ނުޖެހޭ މުއްދަތު 548 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ގޮތުގައި ހަމަޖައްސަން ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް