އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޕާކިސްތާނުގެ ކްރިކެޓް ލީގު މެދުކަނޑާލައި، އެ ލީގުގެ މެޗުތައް ޔޫއޭއީގައި ކުޅެން ކުރި މަސައްކަތް މި ވަގުތަށް ހުއްޓާލައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ސަރަހައްދުގެ މަޝްރަހު ގޯސްވެފައިވާއިރު، ދެ ގައުމުން ވަނީ ހަމަލާ ބަދަލުކުރަން ފަށައިފައެވެ. އެ ހަމަލާތައް ހުއްޓާލަން އެއްބަސްވެ، ދެގައުމުން އެކަމަށް އާނބަސް ބުނި ކަމަށް ނޫސްތަކުން މީގެ ދެ ދުވަސް ކުރިން ބުނި ނަމަވެސް، އަދި އެކަމަށް އެންމެ އެދެވޭ ހައްލެއް ހޯދިފައެއް ނުވެއެވެ.

ޕާކިސްތާނުގެ ސުޕަ ލީގު، ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައި، މެޗުތައް ޔޫއޭއީއަށް ބަދަލުކުރަން ކުރި މަސައްކަތުގައި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން، މުހުސިން ނަގްވީ ވަނީ އެ ގައުމުގެ ޕްރައިމް މިނިސްޓަރު ޝެހްޒާބް ޝަރީފާ ބައްދަލުކުރައްވައިފައެވެ.

ހަބަރުތައް ބުނާ ގޮތުން އެ ބައްދަލުވުމުގައި، ލީގު މި ވަގުތަށް މުހިންމު ނޫން ކަމަށް ޕްރައިމް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ލީގު ޔޫއޭއީގައި ކުރިއަށް ނުގެންދަން ނިންމީ ޕްރައިމް މިނިސްޓަރުގެ އެންގެވުމަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ މީޑިއާ އިން ބުނީ ޔޫއޭއީން ޕާކިސްތާނުގެ ހުށަހެޅުން ގަބޫލުކުރި ނަމަވެސް، އެ ޕްލޭނަށް މިހާރު މަސައްކަތް ނުކުރާ ކަމަށެވެ. އެގޮތަށް ޕާކިސްތާނުގެ މީޑިއާ އިން ބުނި ނަމަވެސް، އިންޑިއާގެ މީޑިއާތަކުން ބުނީ ޔޫއޭއީން ޕާކިސްތާނަށް ނޫނެކޭ ބުނި ކަމަށާއި އެ ނިންމުން ޔޫއޭއީން ނިންމީ އިންޑިއާގެ ކްރިކެޓް ބޯޑާ އޮންނަ ގުޅުމަށް އަސަރުކުރާނެތީ ކަމަށެވެ.

ޕާކިސްތާން ލީގު ޔޫއޭއީގައި ކުޅުމަށް ފުރަތަމަ ނިންމި ނިންމުމާއެކު ބައެއް ޓީމުތައް ވަނީ ޔޫއޭއީއަށް ގޮސްފައެވެ.