ސްޕެނިޝް ލީގުގައި މިރޭ ކުޅުނު އެލް ކްލެސިކޯގައިވެސް ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން މި ސީޒަނުގެ ލީގު ނެގުމާ އިތުރު ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
ބާސާއިން ހޯމް މެޗުތައް ކުޅެމުންދާ އެސްޓާޑީ އޮލިމްޕިކް ލުއިސް ކޮމްޕަނީސް ސްޓޭޑިއަމްގައި މިރޭ ބާސާއިން މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގެ މިހާތަނަށް ކުޅުނު ހަތަރު އެލް ކްލެސިކޯވެސް ބާސާއިން ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުން ދެވަނަ ތަށި ޔަގީންކުރަން ދެން ބޭނުން ވަނީ އެންމެ މޮޅެކެވެ.
ލީގުގައި ބާސާއާއި ރެއާލަށްވެސް ބާކީ ތިން މެޗު އޮތް އިރު، ރެއާލް އެންމެ މެޗަކުން ބަލިވިޔަސް، ނޫނީ ބާސާއިން އިތުރު އެއް މޮޅު ހޯދިޔަސް ތަށި ޔަގީންކުރެވޭނެއެވެ.
މިހާތަނަށް ކުޅުނު 35 މެޗުން 82 ޕޮއިންޓާއެކު ބާސާ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓްގެ ލީޑެއްގައެވެ. ރެއާލަށް 35 މެޗުން ލިބިފައި ވަނީ 75 ޕޮއިންޓެވެ.
މިރޭ މެޗުގެ ފުރަތަމަ 14 މިނެޓް ތެރޭގައި ރެއާލުން ދެ ގޯލު ޖެހިއެވެ. އެ ދެގޯލުވެސް ކިލިއަން އެމްބާޕޭ ޖެހި އިރު، އޭނާގެ ފުރަތަމަ ގޯލަކީ ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ. އެ ޕެނަލްޓީއަކީ ބާސާ ކީޕަރު ވޮޝެކް ޝެޒްނީ، އޭރިއާ ތެރެއިން އެމްބާޕޭއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.
އޭގެފަހުން ވިނީޝިއަސް ޖޫނިއާ ދުއްވާލި ބޯޅައެއްގައި ދެވަނަ ގޯލެއް ޖަހައި، މި ސީޒަނުގައި ޖެހި 38 ވަނަ ގޯލު ޖެހި އިރު، ހާފު ނިމުމުގެ ކުރިން ބާސާއިން ރެއާލަށް ފެންވަރު ދައްކާލިއެވެ.
އެޓީމުން ފުލުފުލުގައި ގޯލުތައް ޖެހި އިރު، 19 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހީ އެރިކް ގާސިއާއެވެ. އަދި އޭގެފަހުން ލެމީން ޔަމާލްގެ ހިތްގައިމު ނިންމާލުމަކާއެކު ބާސާއިން މެޗު އެއްވަރުކުރި އިރު، ހާފު ނިމެން ދަނިކޮށް ރަފީނިއާގެ ދެ ގޯލާއެކު މެޗު ބޮޑުތަނުން އަނބުރާލިއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރެއާލަށް އިތުރު ޕެނަލްޓީއެއް ދޭން ރެފްރީ ކަށިގަނޑު ގޮއްވި ނަމަވެސް، ފަހުން އެ ނިންމުން އަނބުރާލީ ވީއޭއާރް ބަލައިފައެވެ.
ދެވަނަ ހާފުގައި އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ނަމަވެސް ރެއާލަށް މެޗު އެއްވަރު ކުރެވޭނެ ގޮތެއް ނުވިއެވެ. އޭގެފަހުން ދެކޮޅުންވެސް ހަމަލާތައް އުފެއްދިއެވެ. އެމްބާޕޭގެ ބާރު ހަމަލާއެއް ޝެޒްނީ މަތަކުރި އިރު، އަނެއްކޮޅުން ރަފީނިއާއަށް ލިބުނު ހުސް ފުރުސަތެއް އޭނާ އަތުން ބޭކާރުވިއެވެ.
ބާސާއިން މިފަހަރު ހަަތަރު އެލް ކްލެސިކޯ ކާމިޔާބުކުރި އިރު، މިއީ 1982-83 ވަނަ އަހަރުގެ ސީޒަނަށްފަހު އެޓީމުން އެ ކާމިޔާބީ ތަކުރާރުކުރި ފަހަރެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ