ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

އެ ދެ ފަނޑިޔާރުންނާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހެޅި ސުލޫކީ މައްސަލައެއް ބެލުމަށްފަހު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިިންމާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.

ގާނޫނު ބުނާގޮތުން މައްސަލައަށް ޖޭއެސްސީން ގޮތް ނިންމުމަށްފަހު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެއެވެ. އަދި އެކަން ޖޭއެސްސީން ކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށްތޯ މަޖިލީހުން ފާސްކުރަން ޖެހެއެވެ.

އެގޮތުން އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން، މިމަހުގެ ހަތަރުވަނަ ދުވަހު، މަޖިލިސް ތަޅުމުގައި އިއުލާންކުރުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވިއެވެ.

ދެ ދުވަސްމަތިން އެ މައްސަލައިގައި ބަހުސްކުރުމަށްފަހު، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުން ބައެއް ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ހަމަޖައްސައި، ޖޭއެސްސީން އެ ދެބޭފުޅުން ވަކިކުރީ ރަނގަޅަށް، އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޮމިޓީ ބައްދަލުވުމުގެ ސިއްރުން ބޭއްވި ބައިގައި ވަނީ ނިންމައިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ނިންމީ ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވައި ހަމަ އެ ޕާޓީއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަަޝްރަފް ރަޝީދު ތާއީދު ކުރައްވައިގެންނެވެ.

އެ ހިސާބުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ކަަމަށްވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީ ބައްދަލުވުމުން ވޯކްއައުޓް ކުރައްވައިފައެވެ.

ކޮމިޓީގައި އެ ބޭފުޅުން ވަކާލާތުކުރެއްވީ، ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކުން އަޒްމިރާލްދާ އެދިވައިގެންފައިވާ ފަދައިން، ކޮމިޓީއަށް ހާޒިރުވެ މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށެވެ. އެކަމަށް އެދި ބާ ކައުންސިލާއި ގިިނަ އަދަދެއްގެ ގާނޫނީ ވަކީލުންވެސް ވަނީ ކޮމިޓީއަށް ސިޓީ ފޮނުވައިފައެވެ.

ނަމަވެސް ކޮމިޓީން ފާސްކުރީ ޖަވާބުދާރީވާން ފުރުސަތު ނުދިނުމަށެވެ.