ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އަލުން ގުޅިވަޑައިގެންފިއެވެ.
ގޭންގު ކުށްތަކާބެހޭ ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަން ހާމަ ކުރެއްވީ، އެ ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްއެވެ.
މިއަދުގެ ބައްދަލުވުން ފައްޓަވަމުން އޭނާ ވިދާޅުވީ، ކޮމިޓީއަށް ގެނައި ބަދަލެއްގެ ގޮތުގައި، ފޭދޫ އުތުރު ދާއިރާގެ މެންބަރުގެ ބަދަލުގައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިދިޔަ އަންގާރަ ދުވަހު އެ ކޮމިޓީގައި ހިމެނީ، މަޖިލިސް ތަމްސީލު ކުރެއްވުމަށްޓަކައި ސެމިނާރެއްގައި ހުންނެވުމާ ގުޅިގެން ކަމަށެވެ. އަދި އެއީ އެ މެންބަރު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީން ގެނައި ބަދަލެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި އިސްމާއީލް ނިޒާރު އިންނެވީ އަލުން ކޮމިޓީއާ ގުޅިވަޑައިގެންނެވުމަށްފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ހުސްނީ މުބާރުކް ވިދާޅުވީ، އެ ކަންކަން ކޮމިޓީ މެންބަރުންގެ މައުލޫމާތައްޓަކައި ދަންނަވާލަން ޖެހުނީ، އެ ބަދަލަކީ، ފަނޑިޔާރުން ވަކި ކުރުމުގައި ކޮމިޓީން ވަކި ގޮތަކަށް ކަންތައް ކުރުމަށް ގެނައި ބަދަލެއްގެ ގޮތުގައި ފާހަގަކުރަމުންދާތީ ކަމަށްވެސް ވިދާޅުވިއެވެ.
"އެކަންމި ފާހަގަކުރީ، މީޑިއާގައި ތަފާތު ގޮތަކަށް ވަކި މަސައްކަތެއް ކުރުމަށްޓަކައި ގެނައި ބަދަލެއްގެ ގޮތުގައި އެކަން ތަސައްވުރު ކުރެވޭ ގޮތަކަށް އެ ހަބަރު ގޮއްސަ އޮތީމަ މި ބަދަލު މިހާރު ގެނެވިފައިވާތީ،"
ބައެއް މީޑިއާތަކުގައި އެކަން ފާހަގަ ކޮށްފައިވަނީ ކޮމިޓީއަށް އެ ބަދަލު ގެނައީ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ގެނައި ބަދަލެއްގެ ގޮތުގައެވެ.
ފޭދޫ އުތުރު ދާއިރާގެ އިސްމާއިލް ނިޒާރުގެ ބަދަލުގައި، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކޮމިޓީއަށް އައްޔަން ކުރިކަން އިއުލާން ކުރެއްވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެވެ.
ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް