އިންޓަ މިލާންގެ ފްރާންސް ޑިފެންޑަރު ބެންޖަމިން ޕަވާޑްގެ ކުޑަ ހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބާސެލޯނާއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގު ގެއްލޭނެކަން ޔަގީންވެފައިވާ އިރު، އެޓީމުގެ އިތުބާރު ފޯވަޑް ލައުޓާރޯ މާޓިނޭޒްގެ ފިޓްނަސްއަށްވެސް އިންތިޒާރުކުރަން ޖެހިއްޖެއެވެ.

ބާސެލޯނާ ދަނޑުގައި އިންޓައިން ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި، އެޓީމުން ވަނީ 3-3 އިން ނަތީޖާއަކުން އެއްވަރުވެފައެވެ. އެ މެޗުގައި ބާސާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އިންޓައިން ވަނީ ފުރުސަތުތަކުގެ ބޭނުން ހިފައި މުހިއްމު ނަތީޖާއެއް ހޯދައިފައެވެ.

ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޕަވާޑާއި މާޓިނޭޒްވެސް، އިންޓައިން އެންމެފަހުން ލީގުގައި ހެލާސްއާ ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވި މެޗުގައި ފެނިފައެއް ނުވެއެވެ.

އެ މެޗަށް ފިޓް ނުވި ނަމަވެސް، އިންޓައިން ވިސްނީ މިރޭ ބާސާއާ ދެކޮޅަށް ޕަވާޑާއި މާޓިނޭޒް ނެރުމަށެވެ. އެ ވިސްނުމުގައި ދެ ކުޅުންތެރިންވެސް ވަނީ ޓީމާއެކު އިއްޔެގެ ފަރިތަކުރުންތަކަށް ނުކުމެފައެވެ.

ފަރިތަކުރުންތަކަށް ނުކުތްތަނާ ޕަވާޑްގެ ކުޑަހުޅަށް އިތުރަށް ތަދުވެ، އޭނާއަށް މެޗު ގެއްލޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އަނެއްކޮޅުން މާޓިނޭޒްވެސް އިއްޔެ ޓީމާއެކު ތަމްރީނުކުރި ނަމަވެސް، އަދި އެއްކޮށް ފިޓް ނުވާ ކަމަށް ކޯޗު ސިމިއޯން އިންޒާގީ ބުންޏެވެ.

ކޯޗު އިންޒާގީ ބުނީ މާޓިނޭޒް، މައްސަލައަކާ ނުލައި ޓީމު ޕްރެކްޓިސް ނިންމާލި ނަމަވެސް، ފުރަތަމަ 11 އަށް ނެރޭނީ މެޑިކަލް ޓީމާ އިތުރު މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ.