ސައުދީ އަރަބިއާގެ މުއްސަނދި ކްލަބު، އަލް ހިލާލުން މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ހޯދުމަށް އަނެއްކާވެސް މަސައްކަތް ފަށައިފިއެވެ.
ޔުނައިޓެޑްގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އެޓީމުގެ ކެޕްޓަން ފެނާންޑޭޒް ގެންދަން މީގެ ކުރިންވެސް އަލް ހިލާލުން ވަނީ ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ. މިދިޔަ ސީޒަނަށްފަހު އަދި އޭގެ ކުރީ ސީޒަނަށްފަހުވެސް ހިލާލުން ފެނާންޑޭޒް ގެންދަން މަސައްކަތް ކޮށްފައިވާ އިރު، ޔުނައިޓެޑްގައި މަޑުކުރަން އޭނާ އެއްބަސްވުން އާކުރީވެސް ސައުދީން ބޮޑު މުސާރައެއް ހުށަހަޅާފައި އޮއްވައެވެ.
އިތުބާރު ނޫސްތަކުން ބުނީ ހިލާލުން ބިޑް ކުރި ނަމަވެސް، ޔުނައިޓެޑުން ފެނާންޑޭޒް ވިއްކާލުމަށް ބޭނުން ނުވާ ކަމަށެވެ.
މިދިޔަ ސީޒަނަށްފަހު ފެނާންޑޭޒް ޔުނައިޓެޑާއެކު އެއްބަސްވުން އާކޮށްފައިވީ ނަމަވެސް، ހިލާލުން ވަނީ އަނެއްކާވެސް އޭނާއަށް އަގު ހުށަހެޅުމަށް މަސައްކަތް ފަށައިފައެވެ.
އިތުބާރު ނޫސްތަކުން ބުނީ ހިލާލުން ފެނާންޑޭޒް ގެންދަން ބޭނުންވަނީ ރެކޯޑު މުސާރައަކަށް ކަމަށާއި، އެކަމަށް މިހާރުވެސް ފެނޭންޑޭޒްގެ އެޖެންޓާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ޔުނައިޓެޑަށް މި ސީޒަން ވެގެން ގޮސްފައި ވަނީ އުނދަގޫ ސީޒަނަކަށެވެ. އެޓީމުން ލީގު ތާވަލުގެ 15 ވަނައިގައި އޮތް އިރު، ލީގުގައި އެކަނިވެސް އެޓީމުން 16 މެޗުން ބަލިވެއްޖެއެވެ. ލީގުގައި އެ ހާލަތުގައި އޮތް ނަމަވެސް، ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ފުރުސަތު އެބައޮތެވެ.
އެއީ ޔޫރޮޕާ ލީގުގެ ފައިނަލަށް ގޮސް، އެ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔުނައިޓެޑުން 3-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައިވާ އިރު، މިވަގުތު ޔޫރޮޕާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ފެނާންޑޭޒް ވަނީ އެ މެޗުގައިވެސް ދެ ގޯލު ޖަހައިފައެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް