ފިޓްވެފައި ހުރި ނަމަވެސް، އިންޓަ މިލާނާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ފަށާނީ ބެންޗުން ކަމަށް ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.
ބާސާއިން މި ސީޒަނުގައި ޓްރެބަލްއަށް މަސައްކަތް ކުރަމުންދާ އިރު، އިންޓައާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް ފުރަތަމަ ލެގު ވަނީ 3-3 އިން އެއްވަރުވެފައެވެ. ދެޓީމުން ދެން އިންޓަ ދަނޑުގައި ކުޅޭ ދެވަނަ ލެގު މިރޭ އޮންނަ އިރު، އެމެޗަށް ލެވަންޑޯސްކީ ފިޓްކޮށް ހުރުމަކީ ބާސާއަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.
އުމުރުން 36 އަހަރުގެ ފޯވަޑް ލެވަންޑޯސްކީ، މިހާތަނަށް މި ސީޒަނުގައި ބާސާއަށް 40 ގޯލު ޖަހައިދީފައިވެއެވެ. އެ ފޯމުގައި ހުރި ފޯވަޑް، ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ބާސާއިން އެންމެފަހުން ކުޅުނު ހަތަރު މެޗުގައިވެސް ކުޅެފައެއް ނުވެއެވެ. އޭގެ ތެރޭގައި އިންޓައާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ހިމެނެއެވެ.
"އަހަރެން އިއްޔެވެސް ލެވަންޑޯސްކީއާ ވާހަކަ ދެއްކިން. އޭނާ ހުރީ އުންމީދު ކުރި ވަރަށްވުރެވެސް ރަނގަޅު ހާލަތެއްގައި. އެހެންވީމަ އޭނާ ހުރީ ބެންޗުގައި ފެށޭ ވަރަށް ތައްޔާރަށް. ބޭނުން ޖެހިއްޖެ ހާލަތެއްގައި ލެވަންޑޯސްކީއަށް ފުރުސަތު ދެވިދާނެ،" ފްލިކް ބުންޏެވެ.
ލެވަންޑޯސްކީ އެނބުރި ބެންޗަށް ނުކުންނަން ތައްޔާރަށް ހުރި ނަމަވެސް، ބާސާއަށް އިންޓައާ ދެކޮޅަށް ނުކުންނަން ޖެހޭނީ އިތުބާރު ޑިފެންޑަރު ޖޫލްސް ކޫންޑޭއާ ނުލައެވެ.
ކޫންޑޭއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މެޗު ގެއްލޭނެކަން ޔަގީންވެފައިވާ އިރު، ކޯޗު ފްލިކް ބުނީ ކޫންޑޭ ނެތްތައް ފޫބައްދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ޕްލޭނަކަށް މިހާރުވެސް ވިސްނަމުންދާ ކަމަށް އޭނާ ބުންޏެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ