އުރީދޫ އޮޕަރޭޓުކުރާ މާކެޓުތަކުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ "ވިޒިޓް މޯލްޑިވްސް" އިސްތިހާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އުރީދޫ ގްރޫޕުގެ ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކާޒިމީ އެވެ.

އެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫގެ ޒަރިއްޔާއިން އޮޕަރޭޝަން މަސައްކަތްކުރާ ގައުމުތަކަށް ރާއްޖޭގެ ރީތިކަން ޕްރޮމޯޓްވާނެ ކަމަށާއި އޭގެ ތެރޭގައި ގަތަރާއި ކުވެއިތާއި އަދި އިންޑޮނޭޝިއާ ކަހަލަ ބޮޑެތި ގައުމުތައް ހިމެނޭ ކަމަށެވެ.

"ހަމައެކަނި ކެމްޕެއިނެއް ގޮތަކަށް ނޫން ޕްރޮމޯޓްކުރަމުންގެންދާނީ. ކަސްޓަމަރުންނަށް ޕްރޮމޯޓު ވެެގެންދާނެ. މިސާލަކަށް ގަތަރުގައި އުޅޭ ކަސްޓަމަރަކަށް ޕޯސްޓުޕެއިޑް އަޕްޑޭޓްކޮށްލައިގެން ވިން އަ ޓްރިޕް ޕްރޮމޯޓް ވެގެންދާނެ،" ނިޔާޒު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭން ބޭރުގައި ދިރިއުޅޭ އުރީދޫ ކަސްޓަމަރުން "ވިޒިޓް މޯލްޑިވްސް" ޕްރޮމޯޝަންތަކުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އުރީދޫއާއި އެމްއެމްޕީއާރުސީ އަކީ ވަރަށް ގާތްގާތުގައި މަސައްކަތްކުރާ ދެ ކުންފުނި ކަމަށްވުމުން ކުރިއަށްއޮތް ތަނުގައި އުރީދޫ ކަސްޓަމަރުންނަށް އެމްއެމްޕީއާރުސީގެ އެކި ކަހަލަ ޕްރޮމޯޝަންތަކުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ހަމާދީ ވިދާލުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ވިދާޅުވީ މިއަހަރުގެ ކޮންމެ ދުވަހަކީވެސް ކޮންމެވެސް އެއް ފަރާތެއް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ވަގުތު ހޭދަކުރެވޭނެ ޕްރޮމޯޝަންތަކެއް ތައާރަފުކޮށްފައިވާ އަހަރެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު އެއް ގިވްއަވޭ މިވަނީ މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ފަށާފައި. ރާއްޖޭގެ ރީތިކަން އާ ގޮތަކަށް އިސްތިހާރުކުރުމަށް އުރީދޫއާއެކީ ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރަނީ. މި މަސައްކަތުން ރާއްޖެ އިސްތިހާރުކުރުމަށް ރާއްޖެ ހިމެނޭހެން ޖުމުލަ 10 ގައުމެއްގައި އިސްތިހާރުވެގެންދާނެ." ޝިއުރީ ވިދާޅުވީއެވެ.