ގޫގުލް ޕިކްސެލް ސްމާޓްފޯނުތަކަށް 5ޖީގެ ހިދުމަތް އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ބުނި ގޮތުގައި، ޕިކްސެލް ފޯނުތަކަށް 5ޖީގެ ހިދުމަތްދޭން ފެށުމާއެކު އެ ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ހަލުވި އިންޓަނެޓް ސްޕީޑާއެކު އިތުރަށް ފުރިހަމަވެފައިވާ މޮބައިލް ތަޖުރިބާއެއް ލިބިގެންދާނެއެވެ.
މިމަހުގެ އަޕްޑޭޓާއެކު، ގޫގުލްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓަށްފަހު އުރީދޫ ނެޓްވޯކްގައި ގޫގުލް ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް މިހާރު 5ޖީގެ ހިދުމަތް ލިބޭނެ ކަމަށާއި މީގެ އިތުރުން މި އަޕްޑޭޓާއެކު ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް ބޭނުންކުރެވޭނެތީ، 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ މި އާ އަޕްޑޭޓުން ގޫގުލް ޕިކްސެލްގެ ގިނަ ސްމާޓްފޯނުތަކަކަށް މި ހިދުމަތް ސަޕޯޓްކުރާ ކަމަށާއި އޭގެ ތެރޭގައި ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ސީރީޒްގެ އިތުރުން ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި، މި ހިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތައް ހިމެނޭ ކަމަށެވެ.
މި ހިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ގޫގުލް ޕިކްސެލް ޑިވައިސްތަކަށް 5ޖީ ލިބުމަކީ އެ ނެޓްވޯކުގެ ކަސްޓަމަރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ކަމެއް ކަމަށެވެ.
"އަދި އެންމެ ފަހުން އެކަން ހަގީގަތަކަށް ހަދައިދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ އަޑުއަހައި، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަން ފަހިކޮށްދިނުން. މި ހިދުމަތަކީވެސް މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް،" ނިޔާޒް ވިދާޅުވިއެވެ.
މި ހިދުމަތް ސަޕޯޓްކުރާ ގޫގުލް ޕިކްސެލް ސްމާޓްފޯނުތައް ގެންގުޅޭ ކަސްޓަމަރުންނަށް، ފޯނުގެ ސޮފްޓްވެއާ އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކޮށްލުމަށްފަހު މޮބައިލް ނެޓްވޯކް ސެޓިންގްސްއިން 5ޖީ އެނޭބަލްކޮށްލައިގެން ފަސޭހަކަމާއެކު 5ޖީ ބޭނުންކުރަން ފެށޭނެއެވެ. އުރީދޫގެ 5ޖީ ނެޓްވޯކް ކަވަރޭޖް ލިބޭ ހުރިހާ ސަރަހައްދަކުންވެސް 5ޖީ ކަނެކްޓިވިޓީ ލިބޭނެއެވެ.
އުރީދޫން ބުނީ މި ކާމިޔާބީގެ ސަބަބުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށާއި، މުޅި ރާއްޖޭގައި ޒަމާނީ މޮބައިލް ކަނެކްޓިވިޓީ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާ ކަމަށެވެ.
ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކަސްޓަމަރުން އަބަދުވެސް ގުޅިފައި ތިބޭނެކަން ކަށަވަރުކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ދަނީ ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް އާ ޓެކްނޮލޮޖީތައް ތަޢާރަފުކުރަމުންނެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް