ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ރިލީސް ދިނުމާއެކު، ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ)ވެސް ކުރިއަށް އޮތް ލީގު ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެން ނިންމައިފިއެވެ.
ރާއްޖޭގެ ލީގު ނުފެށި ގިނަ ދުވަސްތަކެއްވެފައި ވުމާއެކު ކްލަބުތަކަށް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ބާއްވާ އެފްއޭއެމް ލީގު ކަޕް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބު މިރޭ ނުކުންނާނެއެވެ.
ލީގު ކަޕްގައި ބައިވެރިވާން ފުރަތަމަ ފުރުސަތު ދީފައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަކަށެވެ. އެހެން ނަމަވެސް، ބައެއް ކްލަބުތަކުން ވަނީ އެ މުބާރާތާ ދެކޮޅު ހަދައިފައެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުން ލީގު ކަޕް ގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީގެ އިތުރުން އޮޑިއެވެ.
ދެން މުބާރާތުގައި ވާދަކުރާ އަނެއް ދެ ކްލަބަކީ ދެވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
ކުޅުންތެރިންގެ ރިލީސް ހޯދައި، ކްލަބުތަކުން ސްކޮޑު ވަރުގަދަ ކުރުމަށް ބައެއް މަސައްކަތްތައް ކުރަމުންދާ އިރު، ނިއުއިން ވަނީ ޕީކޭގެ އިތުރުން ގައުމީ ސްކޮޑުގައި ހިމެނޭ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) ވެސް އެޓީމަށް ގެންގޮސްފައެވެ.
ޕީކޭއަކީ މިވަގުތު ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުގައި ބަރާބަރަށް ހިމެނެމުންދާ ޑިފެންޑަރެކެވެ. 2023 ވަނަ އަހަރު ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޕީކޭ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެފައިވާ އިރު، އޭނާއަކީ ފުރަތަމަ ޑިވިޝަނުގައި މިވަގުތު ކުޅެމުންދާ އިތުބާރު ޑިފެންޑަރެކެވެ.
ނިއުއިން ލީގު ކަޕަށް ތައްޔާރުވާން ފަށާފައިވާ އިރު، އެޓީމުގެ ކޯޗަކީ ސޮބާހް މުހައްމަދު (ސޮބާ) އެވެ. މިވަގުތު ސޮބާ ހުރީ ސްޕެއިންގައެވެ. އެއީ ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް