ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމްއިން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ޓޮޓެންހަމްއިން ރޭ އަމިއްލަ ދަނޑުގައި ބޯޑޯ/ގްލިމްޓް ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ސެމީ ފައިނަލް އަނެއް މެޗުގައި ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ ކައިރިން 3-0 ގެ ބޮޑު މޮޅެއް ހޯދައިފައެވެ.

ބިލްބާއޯގެ ފޯރިގަދަ، ސެން މަމެސް ސްޓޭޑިއަމްގައި ރޭ ޔުނައިޓެޑުން ކުޅުނު މެޗުގެ ފެށުން އެޓީމަށް ދިޔައީ އުނދަގޫ ކޮށެވެ. ބިލްބާއޯއިން ކުރީކޮޅުގައި ނުރައްކާ ކޮށްފައިވާ އިރު، އިނާކީ ވިލިއަމްސް އާއި އެލެކްސް ބެރެންގޫއޭއަށް ލިބުނު ފުރުސަތުތައް ވަނީ ނާކާމިޔާބުވެފައެވެ.

އެ ފުރުސަތުތަކާއެކު ބިލްބާއޯއިން ރަނގަޅަށް މެޗު ފެށި ނަމަވެސް، 30 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކޮޅަށް އޮއިވަރު ބަދަލުވިއެވެ. ހެރީ މެގުއާ ތަނަވަސް ކޮށްދިން ބޯޅައެއްގައި ކަސެމީރޯ އެޓީމަށް ލީޑު ނަގައިދިން އިރު، އޭގެ ހަތް މިނެޓް ފަހުން ބިލްބާއޯގެ ޑެނީ ވިވިއަންއަށް ރަތް ކާޑު ދެއްކިއެވެ.

އޭރިއާ ތެރެއިން ރަސްމުސް ހޮއިލުންޑަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް ބަލައި، ރެފްރީ ވިވިއަންއަށް ރަތް ކާޑު ދައްކައި، ޕެނަލްޓީއެއްވެސް ދިނެވެ. ޕެނަލްޓީގައި ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލާއެކު މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ.

އޭގެފަހުން ދެވަނަ ހާފަށް ދިޔުމުގެ ކުރިން، ފެނާންޑޭޒް ވަނީ ޔުނައިޓެޑްގެ ތިންވަނަ ގޯލަކާއެކު އެޓީމަށް މޮޅު ޔަގީން ކޮށްދީފައެވެ. އެއީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި އޭނާ ޖެހި ހަތްވަނަ ގޯލެވެ. މިވަގުތު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ފެނާންޑޭޒްއެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑުކޮށް އޮތް އިރު، ޓޮޓެންހަމްއިން ވަނީ ރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުގައި ލީޑު ނަގައިފައެވެ.

އެ ގޯލު ޖެހީ ބްރެނެން ޖޯންސަންއެވެ. ލީގުގައި ދަށް ފޯމެއްގައި އޮތް ނަމަވެސް، ޓޮޓެންހަމް ރޭގެ މެޗުގެ ދެވަނަ ހާފު ނިންމާލީ ޖޭމްސް މެޑިސަންގެ ގޯލަކާއެކު ލީޑު ފުޅާކޮށްގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޑޮމިނިކް ސޮލާންކޭ ޖެހި ޕެނަލްޓީން ޓޮޓެންހަމް ތިންވަނަ ގޯލެއް ޖެހި އިރު، ބޯޑޯ/ގްލިމްޓަށް ހަމައެކަނި ގޯލު ޖަހައިދިނީ އުލްރިކް ސަލްޓްނެސްއެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމްގެ މެޑިސަންއާއި ސޮލާންކޭއަށް އަނިޔާވެ، އެޓީމަށް ވަނީ ކޮންމެވެސް ވަރެއްގެ ހާސްކަމަކާ ކުރިމަތިލާން ޖެހިފައެވެ.