ސްކޭމްކޮށްގެންނާއި، އެހެނިގެން ގޮތްގޮތުން މީހުންގެ އެކައުންޓުން ވަަގަށް ފައިސާނަގާ މައްސަލަތައް އަވަހަށް ބެލުމަށްޓައި މާލީ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ދެމެދު ގާއިމުކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލާޒިމުކުރި ނިޒާމު ކަނޑައަޅާފައިވާ މުއްދަތުގައި ގާއިމު ނުކުރެވުމުން، ގާނޫނު މުރާޖައާ ކުރަން އެދިއްޖެއެވެ.

އެފަދަ ނިޒާމެއް ގާއިމުކުރަން ލާޒިމުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގައެވެ.

ގާނޫނުގައި ބުނަނީ ތަސްދީގުކުރައްވައި ގެޒެޓްކުރާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ނިޒާމު ގާއިމުކުރަންވާނެ ކަމަށެވެ.

އެ މުއްދަތު މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ނަމަވެސް އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަމުން މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފައިވަނީ، މިދިޔަ ފެބްރުއަރީ މަސްތެރޭގައި ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކާ (އެމްއައިބީ) އާއެކު އެކަމާބެހޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

ނަމަވެސް ގާނޫނުގައި ލާޒިމުކޮށްފައިވާ ތިންމަސްދުވަހުގެ ތެރޭގައި އެފަދަ ނިޒާމެއް ގާއިމުކުރުމަކީ ދަތިކަމަކަށްވާތީ އެ ނިޒާނު ގާއިމުކުރަން ގާނޫނުގައި އޮތް މުއްދަތު އިތުރުކޮށްދިނުމަށް އެދި، ގާނޫނު މުރާޖައާކޮށް، ރައްޔިތުންގެ ހައްގުތަކާއި ބޭންކުތަކުގެ މަސްލަހަތު ރައްކާތެރި ކުރެވޭނެގޮތަށް ގާނޫނު އިސްލާހުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅައިދިނުމަށް އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު އެކަން ޕީޖީގެ ސަމާލުކަމަށް ގެނަސްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

ނަމަވެސް ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ، ބޭންކު އެކައުންޓުގައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭ ހާލަތުގައި، އަވަސް ގޮތެއްގައި އެ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ހުއްދަ ދެވޭނެ އޮފިސަރުން ކަނޑައަޅަންވާނެ ކަމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް އެކަން ކޮށްފައިވާ ކަމަށެވެ.

އެގޮތުން 48 ގަޑިއިރުގެ ތެރޭގައި އެކައުންޓުން ހިނގާ މުއާމަލާތްތައް ހުއްޓުވުމަށް ހުއްދަ ދެވޭނެ އޮފިސަރުން ކަނޑައެޅުމަށްފަހު އެކަން އެމްއެމްއޭ އަށާއި މާލީ އިދާރާތަކަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނު ބުނާގޮތުން ބޭންކް އެކައުންޓެއްގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފެހެއްޓޭނީ ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވޭނީ ގިނަވެގެން 48 ގަޑިއިރުގެ މުއްދަތަކަށެވެ.

ފުލުހުން ބުނީ ގާނޫނުގައި ބުނާ ނިޒާމު ގާއިމުކުރެވިފައި ނެތް ނަމަވެސް، ސްކޭމް ހުއްޓުވުމުގެ މަސައްކަތް އެ ފަރާތުން ތަންފީޒު ކުރަމުންދާ ކަމަށެެވެ.