އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އޮފީސް އިމާރާތް އަންނަ އަހަރު ނިމޭނެ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިދެއްވުމަށްފަހު އެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ.
ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނައިރު، އެ އިމާރާތުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ ފާޅުކުރައްވައިފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ހުރިގޮތުން އިމާރާތްކުރުމުގެ ދާއިރާގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް މަޑު ނުޖެހި ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް މުޅި މަޝްރޫއުގެ ފަންސާސްޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
މަޝްރޫއުގެ މަސައްކަތު ޕްލޭނަށް ބަލާއިރު އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރަށް އެ ބިލްޑިންގް އެއްކޮށް ނިންމައިލުމަށްފަހު، އެތަނަށް ވަދެވޭނެ ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ، މިހާރު އޮފީސް ހިންގަމުންދަނީ ކުއްޔަށް ހިފައިގެން އުޅޭ އިމާރާތެއްގައި ކަމަށްވާއިރު އާ އިމާރާތަށް ބަދަލުވުމުން ކުލީގެ ގޮތުގައި ދައްކާ ފައިސާ ބަޖެޓުން އުނިކުރެވޭނެ ކަމަށެވެ. ބަދަލުވާތާ 10 އަހަރު ނުވަތަ 12 އަހަރުގެ ތެރޭގައި ކުއްޔަށް ހޭދަކުރާ ފައިސާ އެއްކޮށް ސަލާމަތް ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
ކޮމެންޓް