ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަންހެން ޑިވިޝަން ލީގު ތަށި ޔަގީންކުރާ މެޗުގައި ޕޮލިސް ކްލަބާއި ވެމްކޯ ވާދަކުރަން ޖެހިއްޖެއެވެ.

މިދިޔަ ދެތިން އަހަރުވެެސް އަންހެން ވޮލީގައި އެންމެ ވާދަވެރިކޮށް ފެނިގެން ދިޔަ ޕޮލިހާއި ވެމްކީ ވަނީ މި އަހަރު ވީއޭއެމް ކަޕްގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެ ފަހަރު ފައިނަލުގައި ވެމްކޯ އިން ވަނީ ޕޮލިސް ބަލިކޮށްފައެވެ.

މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކަށް ބަލާއިރު، އިއްޔެ ހަވީރު ޕޮލިސް ކްލަބުން ވަނީ ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ ކައިރިން 25-19، 25-22 އަދި 25-20 އިން ސެޓުތައް ގެންގޮސް ސީދާ ތިން ސެޓުން މޮޅުވެފައެވެ. އެ މޮޅާއެކު މިރޭގެ މެޗަށް ޕޮލިސް ނުކުންނާނީ އެއްއްވަނައިގައި އޮވެގެންނެވެ.

ދެވަނައިގައި އޮތް ވެމްކޯ އިން ރޭ ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށް ކުޅެ، ސީދާ ތިން ސެޓުން މެޗު ގެންދިޔައީ ފަސޭހަ ކަމާއެކުގައެވެ. ވެމްކޯ އިން ސެޓުތައް ގެންދިޔައީ 25-09، 25-11 އަދި 25-11 އިންނެވެ.

ޕޮލިހާއި ވެމްކޯ މިރޭ ކުޅޭ ލީގު މެޗު އޮންނާނީ 8:30 ގައެވެ. މެޗުތައް ކުރިއަށްދަނީ ސޯޝަލް ސެންޓަރުގެ އިންޑޯގައެވެ.