ފޯރިގަދަ އެލް ކްލެސިކޯގެ އިތުރު ވަގުތުގައި ގޯލު ޖަހައިގެން ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން ކޮޕާ ޑެލް ރޭ ކާމިޔާބު ކޮށްފިއެވެ.

ރޭ ސެވިއްޔާގައި ކުޅުނު ކްލެސިކޯގެ ފުރިހަމަ ވަގުތު ހަމަވި އިރު މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ. މެޗުގެ އިތުރު ވަގުތުގައި ބާސާ މޮޅުވި ގޯލު ޖަހައިދިނީ ފްރާންސް ޑިފެންޑަރު ޖޫލް ކޫންޑޭ އެވެ.

ބާސާއިން މި ސީޒަނުގައި ޓްރެބަލް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، މިއީ އާ ކޯޗު ހާންސީ ފްލިކާއެކު އެޓީމުން ހޯދި ފުރަތަމަ ބޮޑު ތަށްޓެވެ. ކޮޕާ ޑެލް ރޭ 32 ފަހަރު ހޯދާފައިވާ ބާސާއިން ރޭގެ ކުރިން އެންމެފަހުން ކޮޕާ ޑެލް ރޭ ހޯދާފައި ވަނީ 2021 ވަނަ އަހަރުއެވެ.

ރޭގެ ފައިނަލް މެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތީ މެޗުގެ ރެފްރީ ރިކާޑޯ ޑި ބާގޮސް ބެންގޮއެޒާއަށެވެ. މެޗުގެ ދެ ދުވަސް ކުރިން ރެއާލް ޓީވީގެ ޝޯއެއްގައި ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، އެ މައްސަލައިގައި ރެފްރީވެސް ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ.

އެހިސާބުން ރެއާލުން ވަނީ މެޗު ބޮއިކޮޓް ކުރާނެ ކަމަށް ބުނެ ބިރު ދައްކައިފައެވެ.

އެ ހުރިހާ ކަމަކަށް ނުބަލައި ރޭ ބާސާއިން މެޗު ފެށީ ރަނގަޅަށެވެ. ފުރަތަމަކޮޅުގައިވެސް މެޗު ކޮންޓްރޯލް ކޮށްގެން ބާސާއިން ކުޅެމުން ގޮސްފައިވާ އިރު، ރެފްރީގެ މާ ބޮޑު ގޯހެއްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.

ދެ ޓީމަށްވެސް އޮފްސައިޑް ގޯލެއްގެ މައްސަލައާ ދިމާވި އިރު، ޕެނަލްޓީތަކުގެ ހާލަތްތަކުގައި ރެފްރީ ފެނުނީ ރަނގަޅަށެވެ.

ބާސާއިން ނުރައްކާކޮށް ފެށި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް އެޓީމުންނެވެ. ޕެޑްރީގެ ހިތްގައިމު ގޯލާއެކު ބާސާއިން ކުރީގައި އޮވެ ދެވަނަ ހާފަށް ނުކުތްތަނާ، 70 ވަނަ މިނެޓުގައި ރެއާލް އެއްވަރުކުރިއެވެ.

އެ ގޯލު ޖެހީ ކިލިއަން އެމްބާޕޭ އެވެ. އޭނާ މެޗަށް ނުކުތީ ބަދަލަކަށެވެ. އޭގެ ހަތް މިނެޓް ފަހުން އޮރެލިއަން ޗުއެމެނީ ގޯލެއް ޖަހައި ރެއާލަށް ލީޑު ނަގައިދިން ނަމަވެސް، ފެރާން ޓޮރެސް ވަނީ ބާސާއަށް އެއްވަރުކޮށްދީ، މެޗު އިތުރު ވަގުތަށް ގެންގޮސްފައެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކޫންޑޭގެ ގޯލު ފެނިގެން ގޮސްފައިވާ އިރު، އެ ގޯލަކީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ރޭގެ މެޗުގެ ފަހުން ރެއާލް ކުޅުންތެރިން ރެފްރީއަށް އަމާޒުކޮށް ނުރުހުން ފާޅުކޮށްފައިވާ އިރު، ބެންޗުގައި ތިބި ރެއާލްގެ އެންޓޯނިއޯ ރުޑިގާއާއި ލޫކަސް ވަޒްކޭޒް އަދި ޖޫޑް ބެލިންހަމްއަށްވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ.