ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ކްލަބުގެ 20 ވަނަ ލީގު ތަށި ޔަގީންކުރުމަށް ބޮޑު ޒިންމާއެއް އެބަ އޮތް ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލީގު ތައްޓަށް ވާދަކުރަމުން ދިޔައީ ލިވަޕޫލް އާއި އާސެނަލުންނެވެ. އޭގެ ތެރެއިން އާސެނަލް އިން އެންމެފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން އެއްވަރުވެފައި އޮތުމުން މި ވަގުތު ލިވަޕޫލަށް އަމިއްލަ ބާރުގައި ތަށި ހޯދަން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މި ފަހަރުގެ ތަށި ލިވަޕޫލަށް ހާއްސަވާނެއެވެ. އެ ޓީމުން 30 އަހަރު ފަހުން، އެންމެފަހުން ލީގު ހޯދާފައި އޮތީ 2019-20 ވަނަ އަހަރު ސީޒަނުގައެވެ. އެއީ ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުޅުނު ދަނޑެއްގައެވެ.

"ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަހަރެމެންނަށް ބޮޑު ޒިންމާއެއް އެބަ އޮތޭ. އެ ޒިންމާއަކީ އަމިއްލަ ދަނޑުގައި ތަށި ހޯދުމަށް އޮތް ޒިންމާއެއް. މި ކްލަބުން އެންމެފަހުން ލީގު ހޯދާފައި އޮތީ ކޮވިޑް ދުވަސްވަރު. އެހެންވީމަ ސަޕޯޓަރުން ކުރިމަތީ ލީގު ނެގުން އެއީ ކުރަންޖެހޭ ހާއްސަ ކަމެއް،" ސްލޮޓް ބުންޏެވެ.

ސްލޮޓް ބުނީ ޓޮޓެންހަމްގެ ފޯމު ދަށްކޮށް އޮތް ނަމަވެސް، ތަށީގެ ރޭހަށް ލިވަޕޫލް ކުރަމުންދާ އިންތިޒާރާއެކު މެޗު ވެގެންދަނީ ބަލާ ހިތްވާ، ފޯރިގަދަ މެޗެއް ކަމަށެވެ.

ޓޮޓެންހަމް އިން އެންމެފަހުން އެންފީލްޑްގައި މޮޅުވެފައި ވަނީ 2011 ވަނަ އަހަރުއެވެ. އަދި މިހަފުތާ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ޓޮޓެންހަމް ނުކުންނާނީ މި ސީޒަނުގައި 18 ލީގު މެޗުން ބަލިވެފައި އޮވެގެންނެވެ. އެޓީމަށް މިވަގުތު ލީގު މުހިއްމެއް ނޫނެވެ. ބޮޑަށް ފޯކަސް ހުރީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށެވެ.