ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖަލު އޮފިސަރުންގެ މައްސަލަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިސިޕްލިނަރީ ކޮމިޓީން އަދިވެސް ބަލަމުންދާ ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިސެންސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޕެންޝަން ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރު ވައިކަރަދޫ ދާއިރާގެ ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ބެެއްލެވުމުގެ ދަށުގައިވާ ބޮޑެތި މުއައްސަސާތައް ކަމަށްވާ، ކަސްޓަމްސް އާއި ފުލުހުންނާއި ކަރެކްޝަންގައި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކުރަމުންދިޔަ ކަމަށެވެ. ނަމަވެސް އެކަން ނުުނިމި ދިގުލައި ދިއުމުގެ ސަބަބުން އެފަދަ ތުހުމަތުތަކުގައި ކަރެކްޝަންސްގެ ކޮންމެ މުވައްޒަފަކަށް އިނގިލި ދިއްކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ޖަލަށް ތަކެތި ވެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނާ މެދު އެޅި ފިޔަވަޅުތަކާބެހޭ މައުލޫމާތު އޮޅުންފިލުވައިދެއްވުމަށް މެންބަރު އެދިވަޑައިގެންނެވިއެވެ.

މެންބަރުގެ ސުވާލާ ގުޅިގެން ދީދީ ވިދާޅުވީ، އެ 13 އޮފިސަރުންނާ މެދު ފުލުހުން ހިންގި ތަހުގީގާ ބެހޭގޮތުން ޖަވާބުދެވެން ނެތް ކަމަށެވެ.

ނަމަވެސް އެ މައްސަލަތައް ކަރެކްޝަނަލް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުން މިހާރުވެސް ބަލަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަރެކްޝަންސްގެ ޔުނީފޯމު އެޅި އޮފިސަރެއްވިޔަސް އަދި ޔުނިފޯމްނުލާ މުވައްޒަފެއް ވިޔަސް ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނެމަ އެ މައްސަލައެއް ޑިސިޕްލިނަރީ ކޮމިޓީން ބަލައި ވަޒީފާއިން ވަކިކުރަންޖެހޭ މީހަކު ވަކިކޮށް، އިދާރީ ފިޔަަވަޅު އަޅަންޖެހޭ މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 އޮފިސަރުންގެ ތެރެއިން ފަސް ޖަލު އޮފިސަރަކަށް ޕްރޮސިކިއުޓާ ޖެެނެރަލް ވަނީ ދައުވާކޮށްފައެވެ.

އެ 13 އޮފިސަރުން ހައްޔަރުކުރީ މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާކުރި ފަސް މީހުންނަކީ ޖިނާހް އަބްދުއްރަހީމް، ރ. އުނގޫފާރު، އައިވަރީހައުސް، އަލީ ހިޝާމް، ކ. މާފުށި، ބީޗްހައުސް، އަލީ ނާޒިމް، ހދ. ނޭކުރެންދޫ، ތަރާނާގެ، މުހައްމަދު ފަތޫހު ފަތުހުﷲ، ގއ. ވިލިނގިލި، ކުއްޅަވައްގެ އަދި އަލީ އަސްފާގް، ނ. ލަންދޫ، ކާމިނީގެ، މައްޗަށް ކަމަށެވެ.

މީގެ ތެރެއިން ޖިނާހް އަބްދުއްރަހީމާއި އަލީ ހިޝާމްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

އަލީ ނާޒިމް އާއި މުހައްމަދު ފަތޫހު ފަތުހުﷲ އަދި އަލީ އަސްފާގްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް މިވަގުތު ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މި ވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި، މައްސަލައިގެ ތަހުގީގު އަދިވެސް ފުލުހުން ކުރިއަށްގެންދާތީ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ކ. މާފުށިން ހައްޔަރުކުރީ ނުވަ އޮފިސަރުން، ކާށިދޫން ދެ އޮފިސަރުންގެ އިތުރުން ހއ. އުތީމުން އޮފިސަރަކާއި މާލެއިން އޮފިސަރެކެވެ. މި 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.