މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ބަންދުން ދޫކޮށްލި މީހުންނަށް މައްސަލައަށް ޖަވާބުދާރީވުމަށް އެއް ދުވަހުގެ މުއްދަތެއް ސުޕްރީމް ކޯޓުން ދީފިއެވެ.
އަނަސް މަރާލާފައިވަނީ 31 ޖުލައި 2017ގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ.
އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.
އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އެއީ މ. ލޮނުމިދިލިގެ/ އަފްރާހު އަބްދުއްރައްޒާގު، ޅ. ކުރެންދޫ/ އަސުރުމާގެ، އަހުމަދު ޒަޔާން އަދި މ. ދިމިޝްގު/ އުސްމާން ޝަރީފެވެ.
މީގެ އިތުރުން ލ. ގަން، ތުނޑީ/ ނަންނާރިގެ، ނައިހު އަބްދުﷲ އާއި ސ. ފޭދޫ/ ވެސްޓަންވިލާ. ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746/ ސިމާހު މޫސާ އަދި ތ. ކިނބިދޫ/ ގުލްފާމުގެ، މުހައްމަދު ޝާޒް އަދި ލ. ގަން/ ތުނޑި ޖުނައިހު އަބްދުﷲ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ފެބްރުއަރީ 2024 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 21 މެއި 2024 ގައެވެ. ދައުލަތުން ވަނީ ހައިކޯޓުގައި އެ މީހުން ބަންދު ކުރުމަށްވެސް އެދިފައެވެ. ނަމަވެސް ހައިކޯޓުން މިދިޔަ މަހުގެ ތެރޭގައި ނިންމާފައިވަނީ އެ މީހުން ބަންދުކުރުމުގެ އަމުރެެއް ނެރެނުދިނުމަށެވެ.
ހައިކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މާޗު މަހުގެ ފަހުކޮޅުގެ ތެރޭގައެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ ވަކީލަކު އައްޔަންކުރުމަށް ފުރުސަތު ދީފައެވެ.
ސުޕްރީމް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އެ ކޯޓުން ވަނީ އެ މީހުން ވަކީލަކު އައްޔަންކޮށްފައިނުވާތީ ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއްދީފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް ދައުވާ ލިބޭ މީހުން ހާޒިރުވީ ވަކީލުންނާއެކުއެވެ. ދައުވާ ލިބޭ ސިމާހު މޫސާ، ޖުނައިހު އަބްދުﷲ ވަކީލެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ މުހައްމަދު ރާގިބެވެ. ދެން ދައުވާ ލިބޭ މީހުން ވަކީލެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ މުހައްމަދު ނިޝާނެވެ.
މިއަދުގެ އަޑުއެހުމުގައި ރާގިބް ވަނީ މައްސަލަ ދިރާސާ ކުރުމަށާއި މައްސަލައަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިފައެވެ.
އެ ހުށަހެޅުމާ ގުޅިހެން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ މިއީ 14 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މައްސަލައެއް ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެ މުއްދަތު މިހާރުވެސް ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކަށް ފުރުސަތު ދީފައިވަނީ މިއަދުގެ އަޑުއެހުމަށް ހާޒިރުވާ އިރު، ޖަވާބުދާރީވެވޭނެ ގޮތަކަށް ހާޒިރުވުމަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވާހަކަދައްކަވަމުން ދަނިކޮށް، ފުރުސަތަކަށް އެދިވަޑައިގެން ނިޝާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުންނާއި ހައިކޯޓުންވެސް ގިނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ ހުރިހާކަމެއް ދިރާސާކޮށް، މައްސަލައަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.
ދެ ވަކީލުންވެސް އެގޮތަށް އެދުމުން ފަނޑިޔާރު ރަޝީދު ވަނީ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް މަޝްވަރާކޮށް، އެއް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމައިފައެވެ.
އެހެންވެ ފަނޑިޔާރު ރަޝީދު ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ މާދަމާ ކަމަށެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ޝަރީއަތުން މީގެ ކުރިން ދެ ދުވަހުގެ މުއްދަތެއް ދީފައިވަނީ މިއަދު އަޑުއެހުމަށް ޖަވާބުދާރީވެވޭނެ ގޮތަކަށް ހާޒިރުވުމަށް ކަމަށެވެ. އެކަމަކު ދައުވާ ލިބޭ ފަރާތްތަކުން ފެނިގެންދަނީ ޝަރީއަތުން ދޭ ފުރުސަތުތަކުގެ ނާޖާއިޒު މަންފާ ނަގަން މަސައްކަތްކުރާ ތަން ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މީހުން ބަންދުނުކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ ކުރިއަށްދާ އިރު، އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފައެވެ.
އެ މައްސަލައިގައި 15 އޯގަސްޓް 2024 ގައި ބޭއްވި އަޑުއެހުމުގައި ވަކީލުން ހަމަނުއްޖައްސައި ތިބި ހަތަރު މީހަކަށް ވަކީލަކު ހަމަޖެއްސެމުގެ ފަހު ފުރުސަތުގެ ގޮތުގައި ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
މުހައްމަދު އިޝާން
ސުޕްރީމް ކޯޓް