ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުގެ ގޮތުގައި ތިއްބެވި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކުރި މައްސަލައިގައި އދ. އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދ. ގެ އެކްސްޕާޓް މާގަރެޓް ސެޓާތުވައިޓްއާ ހަވާލާދީ އެ ޖަމިއްޔާއިން އާންމުކުރި ބަޔާނުގައި ބުނީ، ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށާއި ފަނޑިޔާރަކު ވަކިކުރެވޭނީ ގާނޫނުގައި ބުނާ ހަމަތަކުގެ މަތިން ކަމަށެވެ.

އެ ބަޔާނުގައި ސެޓާތުވައިޓް ވިދާޅުވީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެހެން ގާނޫނު އަސާސީއަށް ގެނައި ބަދަލާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި ބަދަލާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލަ ފެށުމާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލަން ފެށުމާއި ޖޭއެސްސީން އިތުރު މައްސަލަތަކެއް ބަލަން ފެށުން އެއް ދުވަސްވަރެއްގައި ކުއްލިގޮތަކަށް އައުމުން ވެސް ސެޓާތުވައިޓް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އަދި ޖޭއެސްސީން މައްސަލަ ބަލަމުންދިޔަ އިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާކަން ވެސް އޭނާ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ޖޭއެސްސީން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. މަގާމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެ ފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުންވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރި އިރު، އެ ކޯޓުން އޭރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށް ނިންމައިފައެވެ.

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ އދ، ޔޫއެންއެޗްއާރްސީ (އދ. އިންސާނީ ހައްގުތަކާބެހޭ މަތީ ކޮމިޝަން)، ޔޫރަޕިއަން ޔޫނިއަން (އީޔޫ)، ކޮމަންވެލްތު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)، ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އަށް ހުށަހެޅީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ފަނޑިޔާޒުން ސަސްޕެންޑް ކުރި މައްސަލަ މި ވަގުތު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުންވެސް ވަނީ އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް ހުށަހަޅައިފައެވެ.

އަޒްމިރަލްދާ އެ މައްސަލަ ހުށަހަޅާފައިވަނިކޮށް ސްޕެޝަލް ރެޕަޓުއާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްގެ މަގާމުގައި ހުންނެވި މާގަރެޓް ސެޓާތުވައިޓް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ދިވެހި ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެެއަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ ފަނޑިޔާރު އަޒްމިރަލްދާ އަދި ހުސްނުއްސުއޫދު އދ.ގެ އިދާރާތަކަށް ހުށަހެޅުއްވީ މިދިޔަ މާޗު މަހުގެ 17 ގައެވެ.

ޖޭއެސްސީން ދަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލަމުންނެވެ.

އޭގެ ތެރެއިން ފުރަތަމަ މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.