އދ.ގެ ޖެނެރަލް އެސެމްބްލީ ނުވަތަ އާއްމު ޖަމިއްޔާގެ ބައްދަލުވުންތައް ބާއްވަމުން އަންނަނީ 1946 ވަނަ އަހަރުން ފެށިގެންނެވެ. ޖެނެރަލް އެސެމްބްލީގެ އެންމެ މުހިންމު އެއްކަމަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު ފަހުކޮޅު އޮންނަ ޖެނެރަލް ޑިބޭޓެވެ. އާއްމު ބަހުސެވެ. މިއީ ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންނާއި ރަސްރަސްކަލުން އަދި އެފަހަރަކު އެގައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަންނަވާ އެނޫންވެސް ވެރިޔަކު ތަގުރީރު ކުރެއްވުމުގެ ދަރުބާރެވެ. ގަވާއިދެއް ލިޔެވިފައި ނެތަސް ކޮންމެ ބޭފުޅަކަށްވެސް ނުރަސްމީކޮށް އޮންނަނީ ފަނަރަ މިނިޓެވެ. އެކަމަކު އެކަމަށް ފަރުވާލެއް ނުބަހައްޓަވައި ބައެއް ލީޑަރުން ހަތަރު ގަޑިއިރަށްވެސް ހުއްޓާނުލައްވައި ތަގުރީރު ކުރައްވައިފައިވެއެވެ. ފެށުނީއްސުރެވެސް ޖެނެރަލް އެސެމްބްލީގައި އެންމެ ފުރަތަމަ ތަގުރީރު ކުރައްވަނީ ބްރެޒިލްގެ ރައީސެވެ. ދެން ދެވަނަޔަށް އެމެރިކާގެ ރައީސެވެ. އދ.ގެ ހެޑްކުއާޓަރު ހުންނަނީ އެމެރިކާގައި ކަމަށް ވާތީއެވެ.

ޖެނެރަލް އެސެމްބްލީގެ 81 އަހަރުގެ ދިގު ތާރީޚުގައި މިފަހަރު ނޫނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ މުޖުރިމަކު އާއްމު މަޖިލީހުގެ ހުރުމަތްތެރި ވެގެންވާ ޕޯޑިއަމުގައި ތަގުރީރެެއް ނުކުރެއެވެ. ނަސްލުތައް ނައްތާލުމުގެ އެކި ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ 2024 ވަނަ އަހަރު ނެރެފައެވެ. އެކަމަކު އޭނާ ޖެނެރަލް އެސެމްބްލީގެ މާލަމަށް ވަދެ މިދިޔަ ބުރާސްފަތި ދުވަހު ސާޅީސް މިނިޓުގެ ދިގު ތަގުރީރެއް ވަނީ ދީފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މުޖުރިމަކަށް އދ.ގެ އާއްމު މަޖިލީހުގައި މިބީދައިން ތަގުރީރު ކުރަން ފުރުސަތު ލިބުނީ ކީއްވެގެން ހެއްޔެވެ. ޖަވާބު ވަރަށް ސާފެވެ. އދ.ގެ ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ ހަމަ ކޮންމެ ގައުމެއްގެ ވެރިޔަކަށްވެސް ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ތަގުރީރު ކުރުމުގެ ފުރުސަތު އެބައޮވެއެވެ.

މިދެންނެވި ފުރުސަތަކީ ވަކި މީހަކު ދައުވަތު ދީގެން ނުވަތަ މަގުފަހިކޮށްދީގެން ލިބޭ ފުރުސަތެެއް ނޫނެވެ. މެންބަރަކަށްވީތީ އޮންނަ ހައްގަކީއެވެ. އެއީ އދ.ގެ ސެކްރެޓަރީ ޖެނެރަލަކަށްވެސް އަދި އާއްމު ޖަމިއްޔާގެ އެ ދައުރެެއްގެ ރައީސަކަށްވެސް ގޮތް ނިންމުމުގެ ބާރު އޮންނަ ކަމެއް ނޫނެވެ. އދ.ގެ ފުރިހަމަ މެންބަރުންގެ އަދަދު 193 އަށް އަރައެވެ. އޭގެތެރޭގައި އިޒްރޭލުވެސް ހިމެނެއެވެ. އދ.ގެ މެންބަރަކަށް އިޒްރޭލް ވެފައިވަނީ 11 މެއި 1949 ގައެވެ. އެއީ އދ.ގެ 59 ވަނަ މެންބަރު ގައުމެވެ. ކޮންމެއަކަސް އދ.ގެ ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން ގައުމެއްގެ ވެރިޔަކަށް ވަންޏާ ޖެނެރަލް އެސެމްބްލީގެ ޕޯޑިއަމް އެބަލިބެއެވެ. އެއީ މުޖުރިމެއްތޯ މައުސޫމް މީހެއްތޯ ބެލުމެއް ނޯވެއެވެ. ބެލުމުގެ ބާރެއްވެސް އދ.އަކަށް ނޯވޭމެއެވެ. އެކަމަކު މިދެންނެވި ކަންކަމަށް ރިއާޔަތްކޮށްފައި އދ.ގެ ހެޑްކުއާޓަރަށް އެމީހަކު ވެއްދުމާއި ނުވެއްދުމުގެ ބާރު އެއް ގައުމަކަށް އެބައޮވެއެވެ. އެގައުމަކީ އެމެރިކާއެވެ.

އދ.ގެ ހެޑްކުއާޓަރު ހުންނަނީ އެމެރިކާގެ ނިއުޔޯކުގައެވެ. އެތަނަށް ދެވެނީ އެމެރިކާއިން ވިސާ ދީގެންނެވެ. މިދެންނެވި ވިސާ ނުދީފިއްޔާ އެމެރިކާއަކަށް ނުދެވޭނެއެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވާން ނިއުޔޯކަށް ދިއުމުގެ ވިސާ ހުސްވި 2025 ވަނަ އަހަރާއި މިއަހަރުވެސް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސަކަށް އެމެރިކާއަކުން ނުދިނެވެ. ގައުމީ ސަލާމަތޭ، ދައުލަތޭ، ސަރުކާރޭ، ޓެރަރިޒަމޭ، ކޮރަޕްޝަނޭ ކިޔައިފައި ޒާތެއްގެ ފަތިވަރެއް އަމުނައިފައެވެ. ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރެއް ނޫނެވެ. އޮބްޒާރވަރ ދައުލަތެކެވެ. ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ތަގުރީރު ކުރުމުގެ ފުރުސަތު އޮތަސް ވޯޓެއް ނުލެވޭނެއެވެ. މިދެންނެވި ދަރަޖައިގައި އަދި އިތުރު ދައުލަތެެއްވެސް އޮވެއެވެ. އެއީ ވެޓިކަން ސިޓީއެވެ. ފަލަސްތީނުގެ ރައީސަށް ވިސާނުދީ ހިފެހެއްޓީ އދ. ގެ ފުރިހަމަ މެންބަރަކަށް ނުވާތީއޭ ބުނެފައި އެމެރިކާއަކަށް އަދި ފަރުޖެެއްސޭކަށް ނެތެވެ.

އދ.ގެ ފުރިހަމަ މެންބަރު ގައުމެއްގެ ވެރިޔަކަށްވެސް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓައިފައިވެއެވެ. އެބޭފުޅަކީ ސޫދާނުގެ ލީޑަރު ޖެނެރަލް އަބްދުލް ފައްތާހު އަލްބުރުހާނެވެ. މިފަހަރު އދ.ގެ އާއްމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ޖެނެރަލް ބުރުހާނުގެ ކިބައިން ނިގުޅައިގަތުމަށް އޭނާގެ ވިސާ ރިޖެކްޓް ކުރުމުގެ ސަބަބަކީ ސޫދާނުގެ ދާޚިލީ ހަގުރާމައަށް ވަގުތީ ނިމުމެއް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށައެޅި ޒާތެއްގެ ހުށައެޅުމަށް ޖެނެރަލް ބުރުހާނުގެ ސަރުކާރުން ނޫނެކޭ ބުނެފައިވާތީ ބަދަލު ހިފުމެވެ. މަހުމޫދު އައްބާސަށް ވިސާނުދެނީ އދ.ގެ ޕޯޑިއަމްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ދެއްކިޔަ ނުދޭންވެގެންނެވެ. ޖެނެރަލް ބުރުހާނަށް ވިސާ ނުދިނީ ރައީސް ޓްރަމްޕުގެ ހުށައެޅުމުގެ ވިޔާނުދާ ކަމުގެ ވާހަކަ އދ.ގެ ޕޯޑިއަމުގައި ދެއްކިޔަ ނުދިނުމުގެ ގޮތުންނެވެ. މިހިރީ އެމެރިކާ ބޭނުންވީމާ ބޭނުން ބަޔަކު އދ. ގެ ޕޯޑިއަމުން ބޭރު ކުރާކަމުގެ މިސާލުތަކެވެ.

އެހެންވިއްޔާ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މުޖުރިމު ނަތަންޔާހޫއަށް ހުރަސްނޭޅީ ކީއްވެގެން ބާވައެވެ. ފުރަތަމަ ކަމަކީ އެމެރިކާއަށް އެތެރެވާކަށް އިޒްރޭލުގެ ރައްޔިތުންނަށް ވިސާއެއް ބޭނުމެއް ނުވެއެވެ. އެގޮތުން ނިއުޔޯކަށް ދާން ނަތަންޔާހޫއަށްވެސް ވިސާއެއް ބޭނުމެއް ނުވެއެވެ. ބޭނުންވީމާ ދާންވީއެވެ. އަނެެއް ސަބަބަކީ ނަތަންޔާހޫއަކީ އެމެރިކާގެ ރައްޔިތަކަށްވެސް ވުމެވެ. އިޒްރޭލުގެ ވަޒީރަކަށްވުމުގެ ގޮތުން އެމެރިކާގެ ސިޓިޒަންޝިޕް ވަގުތީގޮތުން ނަތަންޔާހޫ ދޫކޮށްލިޔަސް އަނބުރާ ސިޓިޒަންޝިޕް ލިބިގަތުމަށް އެއްވެސް ހުރަހެއް ދައްޗެއް ނެތެވެ. ދެންއޮތީ އެންމެ ބޮޑު ސަބަބެވެ. ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަކީ އދ.ގެ ގަރާރެެއްގެ ދަށުން އަދި ރޯމް މުއާހަދާގެ ދަށުން އުފައްދާފައިވާ ކޯޓަކަށް ވިޔަސް އެމެރިކާއަކީ އެ ކޯޓު ބަލައިގަންނަ ގައުމެއް ނޫނެވެ. ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ 125 ގައުމުގެ ތެރޭގައި އެމެރިކާ ނުހިމެނެއެވެ. އެހެންވީމާ އައިސީސީގެ އަމުރަށް ތަބާވުން އެމެރިކާއަކަށް ލާޒިމެއް ނޫނެވެ. ނަތަންޔާހޫ ހައްޔަރުކޮށް އައިސީސީއާ ހަވާލުކުރުމުގެ ގާނޫނީ ޒިންމާއެއްވެސް އެމެރިކާއަކަށް ނެތެވެ. އެ ޒިންމާ އޮތީ ރޯމް މުއާހަދާގައި ސޮއިކޮށްގެންތިބި 125 ގައުމަށެވެ.