މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ބަންދުން ދޫކޮށްލި މީހުންނަށް ވަކީލުން އައްޔަން ކުރަން އިތުރު ފުރުސަތެއް ސުޕްރީމް ކޯޓުން ދީފިއެވެ.

އަނަސް މަރާލާފައިވަނީ 31 ޖުލައި 2017ގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ.

އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.

އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރި އެވެ. އެއީ މ. ލޮނުމިދިލިގެ/ އަފްރާހު އަބްދުއްރައްޒާގު، ޅ. ކުރެންދޫ/ އަސުރުމާގެ، އަހުމަދު ޒަޔާން އަދި މ. ދިމިޝްގު/ އުސްމާން ޝަރީފެވެ.

މީގެ އިތުރުން ލ. ގަން، ތުނޑީ/ ނަންނާރިގެ، ނައިހު އަބްދުﷲ އާއި ސ. ފޭދޫ/ ވެސްޓަންވިލާ. ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746/ ސިމާހު މޫސާ އަދި ތ. ކިނބިދޫ/ ގުލްފާމުގެ، މުހައްމަދު ޝާޒްގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ފެބްރުއަރީ 2024 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 21 މެއި 2024 ގައެވެ. ދައުލަތުން ވަނީ ހައިކޯޓުގައި އެ މީހުން ބަންދު ކުރުމަށްވެސް އެދިފައެވެ. ނަމަވެސް ހައިކޯޓުން މިދިޔަ މަހުގެ ތެރޭގައި ނިންމާފައިވަނީ އެ މީހުން ބަންދުކުރުމުގެ އަމުރެެއް ނެރެނުދިނުމަށެވެ.

ހައިކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މާޗު މަހުގެ ފަހުކޮޅުގެ ތެރޭގައެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ ވަކީލަކު އައްޔަންކުރުމަށް ފުރުސަތު ދީފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުން އެންމެން ވެސް ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ މިފަދަ މައްސަލަތަކަކީ 14 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މައްސަލަތަކެއް ކަމަށާއި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ދީފައިވާ ކަމަށެވެ.

ފަނޑިޔާރު އެހެން ވިދާޅުވުމުން ދައުވާ ލިބޭ މީހުން ވަނީ އެ މީހުންނަށް ލިބުނު ލިޔެކިޔުންތަކުގައި އޮތީ މެއިލްކުރަން ކަމަށާއި ވަކީލަކު އައްޔަންކުރަން ފުރުސަތު ދިންކަމުގެ ވާހަކައެއް ނެތް ކަމަށް ބުނެފައެވެ.

ނަމަވެސް ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން މެއިލްކުރި ލިޔުންތަކުގައި ވަކީލަކު އައްޔަންކުރަން ފުރުސަތު ދިންކަން ބަޔާންކުރާ ލިޔުމެއް އޮންނާނެ ކަމަށެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ މި މައްސަލައިގައި ވަކީލަކު އައްޔަންކުރަން ފުރުސަތު ދީފައިވާތީ އިތުރު ފުރުސަތެއް ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ބާވަތުގެ މައްސަލައަކަށްވުމުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ނިންމެވީ އެ ހަތަރު މީހުންނަށް ވެސް ވަކީލަކު އައްޔަންކުރެވިފައިނުވާތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ވަކީލަކު އައްޔަން ކުރުމަށް އިތުރު ފުރުސަތު ދިނުމަށެވެ. އެ ފުރުސަތުގައި ވަކީލަކު އައްޔަންނުކުރެވުނު ނަމަވެސް މައްސަލަ ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި އެ މީހުން ބަންދުނުކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ ކުރިއަށްދާއިރު އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފައެވެ.

އެ މައްސަލައިގައި 15 އޯގަސްޓް 2024 ގައި ބޭއްވި އަޑުއެހުމުގައި ވަކީލުން ހަމަނުއްޖައްސައި ތިބި ހަތަރު މީހަކަށް ވަކީލަކު ހަމަޖެއްސެމުގެ ފަހު ފުރުސަތުގެ ގޮތުގައި ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.