ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުން ބަލިވި ނަމަވެސް، ބާސެލޯނާއާއި ޕީއެސްޖީން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބާސާއިން ހަ އަހަރަށްފަހު ޗެމްޕިއަންސް ލީގު ސެމީއަށް ދަތުރުކުރީ އެގްރިގޭޓް 5-3 ގެ ނަތީޖާއަކުން ޑޯޓްމުންޑް ކައިރިން މޮޅުވެގެންނެވެ. ފުރަތަމަ ލެގުގައި ބާސާއިން ތަފާތު ބޮޑު މޮޅެއް ހޯދާފައި އޮތް ނަމަވެސް، ރޭ 3-1 އިން ވީ ބައްޔެވެ. ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެފައި އޮތީ 4-0 ގެ ނަތީޖާއަކުންނެވެ.
ރޭ ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމަށް ތަފާތު ދެއްކީ ސެރްހޫ ގުއިރާސީއެވެ. އޭނާ ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، ފުރަތަމަ ކޮޅުގައި ޑޯޓްމުންޑުން ވަނީ ބާސާ ހާސްކޮށްލައިފައެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ގުއިރާސީގެ ޕެނަންކާ ޕެނަލްޓީއަކުން ޑޯޓްމުންޑް ލީޑު ނެގި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާގެ ދެވަނަ ގޯލަކާއެކު އުންމީދު އާކޮށްދިނެވެ.
އެ އުންމީދާއެކު ތިއްބާ ޑޯޓްމުންޑަށް އުނދަގޫތައް ކުރިމަތިވީ 54 ވަނަ މިނެޓުގައި ރެމީ ބެންސެބައިނީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ބާސާއިން ގޯލު ޖެހުމުންނެވެ. އެހިސާބުން ޑޯޓްމުންޑަށް މަސައްކަތް އުނދަގޫވި ނަމަވެސް، ގުއިރާސީ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ރޭ ޕީއެސްޖީ ކައިރިން އެސްޓަން ވިލާވެސް ތަފާތު، ވަރުގަދަ މޮޅެއް ހޯދިއެވެ.
ވިލާއިން ޕީއެސްޖީގައި ކުޅުނު ފުރަތަމަ ލެގުގައި 3-1 އިން ބަލިވެފައި އޮވެގެން ރޭގެ މެޗަށް ނުކުމެފައިވާ އިރު، އެ ނަތީޖާ އަނބުރާލަން ފަށަން ޖެހުނީވެސް އުނދަގޫ ހާލަތަކުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޕީއެސްޖީއަށް ގޯލު ޖަހައިދިން އިރު، 27 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒްވެސް ގޯލު ޖެހިއެވެ.
އެ ނަތީޖާއާއެކު ވިލާއަށް މަސައްކަތް ބުރަވި ނަމަވެސް، ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަކުރިއެވެ. ޔޫރީ ތީލަމަންސް ޖެހި ގޯލުން ފަރަގު ކުޑަކޮށް، ދެވަނަ ހާފަށް ނުކުމެ ވިލާ ތަފާތު ދެއްކިއެވެ.
ތަފާތު ރޫހެއްގައި ފުލުފުލުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލި އިރު، ގޯލުތައް ޖެހީ ޖޯން މެގިންނާއި އެޒްރީ ކޮންސާއެވެ.
އޭގެ ފަހުން މާކަސް ރަޝްފޯޑުގެ ހަމަލާއެއް ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި އިރު، ވިލާއަށް އިތުރު ގޯލަކަށް ދެވަނަ ފަހަރަށްވެސް ޑޮނަރޫމާ ހުރަސްއެޅިއެވެ. އެއީ ތީލަމަންސް ބޮލުން ޖެހި ބޯޅައެއް ހުއްޓުވައިގެންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު