ސަރުކާރަށް ދެކޮޅަށް ފާޑުކިޔަމުންދާ އެކްސް އެކައުންޓެއް ކަމަށްވާ "ހަސަން ކުރުސީ" އެކައުންޓް ހިންގަނީ ކާކުކަން ވަރަށް ސާފުކޮށް އެނގޭކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ލިވަން ޖަރުކަ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަން އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރަޝިއާއަށް ޗިޕުތަކެއް އެތެރެކޮށްފައިވާ ކަމަށް ބުނެ ހަސަން ކުރުސީ ދެއްކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ހަސަން ކުރުސީގެ ބޭނުމަކީ ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ގުޅުން ހީނަރުކުރަން ކަމަށާއި އެއީ ރަޝިއާއާއި އެމެރިކާ ދެމެދު އޮންނަ ގުޅުމަށްވެސް ހީނަރުކަމެއް ގެންނަން ވެގެން ކުރުސީ ކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ މީ ރާއްޖޭގެ ކުރީގެ އިސް ސިޔާސީ ލީޑަރެއް ޔޫރަޕުގެ ގައުމެއްގައި ފިލާ އޮވެގެން ހިންގާ އެކައުންޓެއްކަން" ސަފީރު ވިދާޅުވިއެވެ.

"ހަސަން ކުރުސީ" އެކައުންޓު ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވެސް މީގެ ކުރިން ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތަށް ތުހުމަތުކުރަން ފެށީ ނަޝީދު ލިޔުއްވި ލިޔުމެއްގައި "ކުރުސީ"ގެ ނަން ބޭނުންކުރައްވާފައިވާ ހިޔާލީ ޝަހުޝެއްގެ ވާހަކަ ގެންނަވާފައިވާތީ އާއި ނަޝީދަށް އެ އެކައުންޓުން ތާއިދުކޮށް ޓުވީޓު ކުރާތީއެވެ.

ނަމަވެސް ނަޝީދު ވިދާޅުވެފައިވަނީ ހަސަން ކުރުސީ އެކައުންޓާ ގުޅުމެއް ނުވާ ކަމަށެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހުސިއްޔަތެއް ކަމަށެވެ. އަދި "ހަސަން ކުރުސީ"އަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ ފަހުން ނަޝީދު ވަނީ، "ހަސަން ކުރުސީ" އެކައުންޓު ހިންގާ ފަރާތެއް ހޯދުމަށް ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އެ އެކައުންޓުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން އެ މަނިކުފާނަށް ގެއްލުން ލިބެމުންދާ ކަމަށެވެ.