ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އަލާވޭސް ކައިރިން މޮޅުވި އިރު، ކިލިއަން އެމްބާޕޭއަށް ރަތް ކާޑު ދައްކައިފިއެވެ.

ރޭ ރެއާލުން ރަށުން ބޭރުގައި 1-0 އިން އަލާވޭސް ބަލިކޮށްފައިވާ އިރު، އެ މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި އެމްބާޕޭ، އެންޓޯނިއޯ ބްލާންކޯއަށް ކުރި ފައުލަށް ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ، އެ ނިންމުން ރަތް ކާޑަކަށް ބަދަލުކުރުމަށެވެ.

އެމްބާޕޭއަށް ރަތް ކާޑެއް ދެއްކުމުގެ ހަތަރު މިނެޓް ކުރިން މެޗުގައި އެ ޓީމުން އޮތީ ލީޑު ނަގައިފައެވެ. އެއީ އެޑުއާޑޯ ކަމަވިންގާ އޭރިއާ ބޭރުން ގޯލަށް އަމާޒުކޮށްލި ހިތްގައިމު ބޯޅައަކުން ޖެހި ގޯލެކެވެ.

ރަތް ކާޑަކާއެކު ލީޑު ހިފަހައްޓަން ޖެހުމުން ރެއާލަށް އުނދަގޫތަކެއް ދިމާވެފައިވާ އިރު، ކީޕަރު ތީބޯ ކޯޓުއާ ހަ ސޭވެއް ކުރިއެވެ.

މެޗުގެ ފަހު 30 މިނެޓުގައި އަލާވޭސްއަށްވެސް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މަނޫ ސަންޗޭޒަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

މިހާތަނަށް ކުޅުނު 31 މެޗުން 66 ޕޮއިންޓާއެކު ރެއާލް އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 31 މެޗުން 70 ޕޮއިންޓާއެކުގައެވެ. މިހާރު ތާވަލު އޮތް ގޮތުން، އަލުން ލީގު ހޯދަން ރެއާލަށް އޮތީ އުނދަގޫ މަގެކެވެ.