ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) އިން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައުދީ ފަންޑުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަދި ބައެއް ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެ ލޯނުގެ ސަބަބުން ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު ބާރު މިނެއްގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރާއްޖޭގެ އިގުތިސޯދަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ސައުދީ ފަންޑުން މިއަދު ދިން ލޯނަކީ ވީއައިއޭގެ މަޝްރޫއަށް އެ ފަންޑުން ދިން ތިންވަނަ ލޯނެވެ.
އެގޮތުން މިދިޔަ އަހަރުގެ މެއި މަހު ސައުދީ ފަންޑުގެ ވެރިޔާ ރާއްޖެ ވަޑައިގެން އާ ޓާމިނަލް ނިންމަން އޭރު އިތުރަށް ބޭނުންވި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއްގައި ސޮއިކުރެއްވި އެވެ.
ސައުދީ ފަންޑުން ވަނީ މީގެ ކުރިން 2016 ވަނަ އަހަރުވެސް ވީއައިއޭ ތަރައްގީކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައެވެ.
މުހައްމަދު އިޝާން
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް