މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފިއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ވަނީ މިދިޔަ މަހުގެ 26 ގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައިކޯޓުން މިދިޔަ މަހުގެ 28 ގައި ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ފުލުހުން މިމަހުގެ ހަވަނަ ދުވަހު ބުނެފައިވަނީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ޝަމްއާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ޝަމްއާންގެ ފަރާތުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ވަނީ އެ މައްސަލައިގައި ގޮތެއް ނިންމައިފައެވެ. އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ޝަމްއާންގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ މަހުގެ 29 ގައެވެ.

"ރަޖިސްޓްރާގެ ނިންމުން މުރާޖާއާކޮށް ނިމުނު ގޮތް" ގެ ރައުޔުގައި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް އަދި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށާއި ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާ ބުނުމަކީ އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުފާނު ކުރަން ގާނޫނު ހުއްދަކުރާ މިންގަނޑެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށެވެ.

އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން އެ މައްސަލައެއްގެ ވަށައިގެންވާ ހާލަތުތަކާއި ކަންކަމަށް ރިއާޔަތްކޮށްގެން ދަށުކޯޓުގެ ފަނޑިޔާރު އިހުތިޔާރުކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްގެ މައްޗަށް ކަމުގައިވާނަމަ، ދަށުކޯޓުގެ ފަނޑިޔާރު އެ އިހުތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނާނެ ހާލަތްތަކެއް އެބަހުރި ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެ ހާލަތްތަކަކީ، ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅު ނޫން އުސޫލަކަށްވުމާއި ދަށުކޯޓުގެ ފަނޑިޔާރު އިހުތިޔާރުކުރި ގޮތް ނިންމުމުގައި ކަމާނުބެހޭ ކަންކަމަށް ރިއާޔަތްކޮށްފައިވުމުގެ އިތުރުން ދަށުކޯޓުގެ ފަނޑިޔާރު އިހުތިޔާރުކުރި ގޮތް ނިންމުމުގައި ރިއާޔަތްކުރި ވާގިއާތަކުގެ ހަގީގަތް ދަށުކޯޓުގެ ފަނޑިޔާރަށް އޮޅިފައި އޮތުން ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ. އަދި ދަށުކޯޓުގެ ފަނޑިޔާރު އިހުތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާގިއާއަކަށް ނުވަތަ ކަމަކަށް ރިއާޔަތްކޮށްފައި ނެތުމާއި ދަށުކޯޓުގެ ފަނޑިޔާރު އިހުތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފުން ކަމެއް މެދުވެރިވެފައިވުން ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތު އުފެދެނީ ކޮރަޕްޝަންގެ ފައިސާއާ ގުޅިގެންކަމަށްވެފައި، ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި މަނީ ލޯންޑަރިންގެ ތަހުގީގު އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުމެއްނެތި ފުލުހުން އެކަނި ތަހުގީގުކޮށްފައިވަނީ "ޖިނާއީ އިޖުރާއަތުގެ ގާނޫނު" އާ ހިލާފަށްކަން ޝަމްއާންގެ ފަރާތުން ފާހަގަކޮށްފައިވާކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ. އެހެންވެ އެ ތަހުގީގާ ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ބާތިލުވާނެކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ އަބްދުﷲ ޔާމީން ވ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް ގަޒިއްޔާގެ 188 ވަނަ ނުކުތާގައި ކޮރަޕްޝަންގެ ކުށް ތަހުގީގުނުކޮށް ހަމައެކަނި މަނީ ލޯންޑަރިންގެ ކުށް ތަހުގީގުކުރެވިފައި އޮތުމުގެ މައްޗަށް ބިނާކޮށް މައްސަލައިގެ މުޅި ތަހުގީގު ބާތިލުވެދާނެކަމުގައި ނުދެކޭކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މި މައްސަލައަކީ މައުލޫއީ މައްސަލައަކަށް ނުވާއިރު، މައްސަލައިގެ މުޅި ތަހުގީގު ގާނޫނާ ހިލާފުވާނެ ކަމަށާއި އަދި ތަހުގީގާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާތިލުވާނެކަމަށް ޝަމްއާންގެ ފަރާތުން ބުނާ ބުނުމަށް ގާނޫނީ އަސާސެއް ހުށަހަޅާފައިނުވާ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ އިސްތިއުނާފީ ދެވަނަ ނުކުތާގައި ޝަމްއާންގެ ފަރާތުން ބަޔާންކޮށްފައިވަނީ މި މައްސަލައިގައި ފުލުހުން އޭނާއަށް ކުރާ ތުހުމަތަކީ މަނީ ލޯންޑަރިންގެ ތުހުމަތު ކަމަށެވެ. އެހެންވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއަށް އަމަލުނުކޮށް ފުލުހުންނަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ޝަމްއާންގެ ފަރާތުން ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެ ނުކުތާއާ ގުޅިގެން ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ޝަމްއާން ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ ކޮރަޕްޝަނާ ގުޅޭ ހެކި ވަޒަންކޮށްގެން ކަމަށެވެ. އެފަދައިން ހެކި ވަޒަންކޮށްފައިވަނީ އިސްތިއުނާފުކުރެވޭ އަމުރުގައި ނިންމި އިޖުރާއީ ނިންމުމާ ހިލާފަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ކޮރަޕްޝަނާ ގުޅޭ ކޮން ހެއްކަކަށް ރިއާޔަތްކޮށްގެން ތަފުސީލުކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޝަމްއާންގެ ފަރާތުން ފާހަގަކޮށްފައިވަނީ އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކަނޑައަޅައިގެން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށްގެން ހެއްކަށް ނުފޫޒު ފޯރުވަފާނެ ހާލަތެއް ވަޒަން ކޮށްފައިވަނީ އެ ގަވާއިދުގެ 13 ވަނަ މާއްދާއާ ހިލާފަށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި އިސްތިއުނާފީ ނުކުތާގައި ޝަމްއާން ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ހައްގު އޭނާގެ ފަރާތުން ނިގުޅައިގެންފައިވާ ކަމަށެވެ. އެ ނުކުތާއާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ މި ބާވަތުގެ މައްސަލަތަކުގައި ދައުވާލިބޭ ފަރާތްތައް ބަންދުނުކޮށް މައްސަލަ ކުރިއަށްގެންދާ ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުގެ ހާލަތު ތަފާތުކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް ގަޒިއްޔާގައި ބަންދާ މެދު ގޮތް ކަނޑައަޅާ މަޖިލިސްތަކުގައި ފަނޑިޔާރުން ރިއާޔަތްކުރަންޖެހޭ ކަންކަމަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް، އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަނޑައަޅައިފައިވާ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަން ބަޔާންކޮށްފައިވާ އިރު، މިފަދަ މައްސަލަތަކުގައި ހެއްކާބެހޭ ގާނޫނުގެ 145 ވަނަ މާއްދާގެ (ޅ) ތަތުބީގުކުރެވޭ ގޮތް ބަޔާންކޮށް އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން ދަށުކޯޓުން ސާފުކޮށްދީފައިނުވާކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެހެންވެ ފަނޑިޔާރު ހުޒައިފާ ރައުޔުގައި ވިދާޅުވީ އިސްތިއުނާފީ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތްކަމަށް ބެލެވޭތީ ރަޖިސްޓްރާގެ ނިންމުން ރަނގަޅުނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރްހީޒް އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދުކުރައްވައިފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ހުޒައިފާ ނިންމެވީ ރަޖިސްޓްރާގެ ނިންމުން ބާތިލުކުރާ ކަމަށެވެ.