ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 64 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ޑްރެޖިން އާއި ހިއްކުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

"ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަލުން ފެށުމަށް ބޭނުންވާ ހިލަތައް މިހާރު ވަނީ އެ ސަރަހައްދަށް ފޯރުކޮށްދީފައި. މަޝްރޫއުގެ ޖުމުލަ ކުރިއެރުން 64 އިންސައްތައަށް،" އެމްޓީސީސީން ބުންޏެވެ.

އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2022 އޮގަސްޓް 23 ގައެވެ.