މާލޭގެ ތިން ސަރަހައްދަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އައިޖީއެމްއެޗް، ވެސްޓްޕާކް އަދި މާފަންނު ފެރީ ޓާމިނަލް ހިސާބުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން މިހާރު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަލާތްތެރިވަމުންގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ހަތް ޕަމްޕު ބަހައްޓައިގެން ސިފައިން ހަރަކާތްތެރިވަމުންގެންދާ ކަމަށެެވެ.

"އަދި އެމްއެންޑީއެފް މާލޭ އޭރިޔާ ކޮމާންޑުގެ ސިފައިން ދަނީ ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުން ބުންޏެވެ.

މެޓް އޮފީހުން މިއަދު ބުނީ ކ. އަތޮޅުން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނު 10:45 އިން މެންދުރުފަހު 2:00 އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.

އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށް މެޓުން ބުންޏެވެ.

އޭގެ އިތުރުން ގދ. އަތޮޅަށް މިއަދު ހެނދުނު 9:45 އިން މެންދުރުފަހު 3:30 އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެ އަތޮޅަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓުވެސް ވަނީ ނެރެފައެވެ.