ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ތަހުގީގުކޮށްދޭން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އޭސީސީން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

އޭސީސީން ތަހުގީގެއް ފަށާފައި ނުވަނީސް، ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް ޝާމިލް ސިޓީއެއް ފޮނުވުމަކީ ދޮގު މައުލޫމާތު ދިނުން ކަމަށް ބުނެ އެ މައްސަލަ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ.

"ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝަމީލް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު (06 އެޕްރީލް 2025) ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލައެއް ހުށަހަޅާފައިވެއެވެ،" އަޒްމިރަލްދާގެ ވަކީލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް، އެ ދެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލެން ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އަޒްމިރަލްދާގެ ވަކީލުން މިއަދު ވަނީ ބުނެފައެވެ.

30 އޮކްޓޯބަރު 2022: ބަނޑޮސް ރިސޯޓް، އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022 ފެށުމުގެ ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވާހަކަދައްކަވަނީ --- ފޮޓޯ ރައީސް އޮފީސް

ޝާމިލް، މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކުރި މައްސަލައެއް ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭސީސީއަށް ވެސް ހުށަހަޅައިފައެވެ. އޭސީސީގެ އޮފިޝަލަކު މިދިޔަ މަހުގެ 18 ވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ އެ މައްސަލަ ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

އަޒްމިރަލްދާގެ ވަކީލުން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލަތަކުގެ ތެރެއިން ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ތަހުގީގު ރިޕޯޓަށް ފަނޑިޔާރު އަޒްމިރަލްދާ ވަނީ ލިޔުމުން ޖަވާބު ހުށަހަޅުއްވައިފައި ކަމަށެވެ.

އެގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅުއްވި ޖަވާބުގައި ވަނީ ޖޭއެސްސީން މައްސަލަ ބަލަން ނިންމީ އިޖުރާއަތާ ހިލާފަށްކަން ފާހަގަކޮށް، މައްސަލަ ބެލުމަށް ނިންމާފައިވަނީ ޖޭއެސްސީގެ އިސްނެގުމަށް މައްސަލަ ބެލުމުގެ އިޖުރާއަތާ ހިލާފަށް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ޖޭއެސްސީން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށްކަން ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރައްވާފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

ޖޭއެސްސީން މައްސަލަ ތަހުގީގު ކުރި އިރު ޖަވާބުދާރީވުމާއި ދިފާއުވުމުގެ ހައްގަށް ހުރަސް އަޅައިފައިވާކަން ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރެއްވި ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެކަމުގެ ސަބަބުން އިޖުރާއީގޮތުން ކަންކަން ހުށަހެޅުމަށް ވެސް ހުރަސްތަކެއް ކުރިމަތިވިކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި ކޮމިޓީގެ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން އެދުނު ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށް ޖޭއެސްސީން ނިންމީ ގާނޫނީ ހަމައެއް ނެތިކަން ފަނޑިޔާރު ފާހަގަކުރެއްވި ކަމަށެވެ.

މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓުގައި ހަގީގަތާ ހިލާފު ކަންކަން ހުރިކަން ފާހަގަކުރައްވައި، ޖޭއެސްސީން ތަހުގީގު ހިންގަނީ މައްސަލަ ބަލަންޖެހޭ އަސާސެއް ވެސް ނެތި ނުނިޔަތެއްގައިކަން ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރައްވާފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް މައްސަލައެއް ފެތޭ ހާލަތެއްގައި ނެތްކަން ވެސް ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރެއްވި ކަމަށެވެ. ފަނޑިޔާރު އަޒްމިރަލްދާ، ޖޭއެސްސީއަށް ހުށަހެޅުއްވި ޖަވާބުގައި ފަނޑިޔާރުގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރުމަށް 17 ކިތާބީ ހެކި އަދި 11 ޝަފަހީ ހެއްކެއް ހުށަހަޅައިފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި ހުށަހަޅާފައިވާ ހެކިން ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށް ވެސް ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގެންފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.