ހދ. ހަނިމާދޫގައި އިމާރާތް ކުރަމުންގެންދާ މިސްކިތް ނިންމުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 7،933 އަކަ މީޓަރުގެ ސަރަހައްދެއްގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ އަގަކީ 9.44 މިލިޔަން ރުފިޔާއެވެ. އަދި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 360 ދުވަހެވެ.

އެމްޓީސީސީން ބުނީ ހަނިމާދޫއަކީ 2645 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވެފައި، ދިވެހިންނަކީ ދީނީ ކަންކަމަށް ސަމާލުކަންދޭ ބަޔަކަށްވާ އިރު، ނަމާދުކުރެވޭނެ ރަނގަޅު ފެންވަރުގެ މިސްކިތެއް ރަށްތަކުގައި އިމާރާތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެ މިސްކިތުގެ މަސައްކަތް ނިމުމާއެކު ހަނިމާދޫގެ ހުރިހާ ރައްޔިތުން އަޅުކަަން ކުރުމަށާއި، ދީނީ ތައުލީމު އުނގެނުމަށާއި، އެ ރަށުގެ އިޖުތިމާއި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.