ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނީ ފ. މަގޫދޫ އެއާޕޯޓު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސައުދީ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެއެވެ.

ސައުދީ ވިދާޅުވީ، މަގޫދޫ އެއާޕޯޓުގެ މަސައްކަތްތައް މަޑުޖެހުނު ނަމަވެސް، އެއާޕޯޓުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމައި ހިދުމަތަށް ގެންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިހާރު ކުރިއަށްދާ އެއާޕޯޓުތަކުގެ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ނިމޭނެ އެއާޕޯޓުތަކުގެ ތެރޭގައި ފ. މަގޫދޫ އެއާޕޯޓު ހިމެނޭނެކަން ފާހަގަކުރައްވައި ސައުދީ ވިދާޅުވީ، މަގޫދޫ އެއާޕޯޓާއެކު ނިލަންދޫ އެއާޕޯޓުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ފ. މަގޫދޫ އާއި ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އަންނަނީ ކުރަމުން. އަދި ގުރައިދޫ އެއާޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެެއާޕޯޓުގެ މަސައްކަތް" ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ އިމާރާތްތަކުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާލައިފައި ކަމަށާއި އެގޮތުން އެއާޕޯޓްގެ ފަޔާ ބިލްޑިން އިމާރާތްކުރުމާ ގުޅޭ ހުރިހާ މަސައްކަތްތަކާއި ޓާމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތައްވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މަގޫދޫގައި ތަރައްގީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ. މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި އެރަށުގެ ފަޅުން ބިން ހިއްކާފައިވާއިރު، މި މަޝްރޫއަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.