މާލޭ ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށް ބިރު ދެއްކި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ)، ނ. މަނަދޫ، ހަވޭލީ، މުހައްމަދު އަޒާން (23އ)، ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް (21އ) އަދި އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) އެވެ.
ފުލުހުން މިދިޔަ މާޗު މަހުގެ ނުވަވަނަ ދުވަހު ބުނެފައިވަނީ މާލޭގެ، ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު އިންޒާރުދީފައިވާ މައްސަލައެއް މާޗު އަށްވަނަ ދުވަހުގެ ރޭ ހުށަހަޅައިފައިވާ ކަމަށެވެ.
"އަދި އެ ގެއަށް ރޭ 12:45 ހާއިރު ހަތަރު މީހަކު ވަދެ އެ ގެއަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހަތަރު މީހުން ކުށުގެ ވެށިން ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުނެފައިވެއެވެ.
އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މުއްދަތު ހަމަވާތީ އެ މީހުންގެ ބަންދު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ދެވަނަ ފަހަރަށް ޖެހި 15 ދުވަހުގެ މުއްދަތު ހަމަވާތީ ފުލުހުން ވަނީ އަނެއްކާވެސް އެ ހަތަރު މީހުން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް މިފަހަރު ކުރިމިނަލް ކޯޓުން އަމުރުކުރީ އެ ހުރިހާ މީހުން ބަންދުން ދޫކޮށްލުމަށެވެ. ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ އެ މީހުންނާ ދެކޮޅަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެކި ފުލުހުން ފަރާތުން ހުށަހަޅާފައިނުވާތީ ކަމަށެވެ.
ފުލުހުން އެ ހަތަރު މީހުންނަށް ކުރަނީ ގަސްދުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.
ކުރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލި އިރު، ދައުލަތުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދިފައެވެ. އެ ހަތަރު މީހުން ބަންދުން ދޫކޮށްލުމަށް އަމުރުކުރީ ގާޒީ އިބްރާހިމް އިހުސާނެވެ.
ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުވާ މީހުން، ގޭގެ ވެރިމީހާއަށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ގޭގެ ވެރިމީހާ ކަމަށް ބުނާ މީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް އޭނާގެ ގައިގައި ތަޅާ މަންޒަރެވެ. އަދި ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން ވެސް އެ ވީޑިއޯ އިން ފެނެއެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަން ވެސް އުޅެއެވެ.
ފުލުހުން އެންމެ ފުރަތަމަ އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ބުނެފައިވަނީ، އެތަނަކީ އަތޫފް ނަމަކަށް ކިޔާ އެ މީހުންގެ ރަހުމަތްތެރިއަކު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށެވެ. އެތަނަށް އެ މީހުން ދިޔައީ އެ ރަހުމަތްތެރިޔާގެ އެދުމުގެ މަތިން އެތަން ސާފުކުރަން ކަމަށެވެ. އެތަން ސާފުކުރުމުން ފައިސާ ލިބޭނެ ކަމަށެވެ. އެތަނުގެ އެއްވެސް މީހަކަށް އަދި އެތަނަށް ވެސް ގެއްލުން ދީފައިނުވާނެ ކަމަށް ހަތަރު މީހުން ބުނެފައިވެއެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އަތޫފް ނަމަކަށް ކިޔާ މީހަކު އެތަން ކުއްޔަށް ހިފާފައިވާ ކަމުގެ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ. ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ އެތަން ކުއްޔަށް ދޫކޮށްފައިވަނީ އަލީ ޝިމާން ރަޝީދު ކިޔާ މީހަކަށް ކަމަށެވެ. ގޭގެ ވެރިފަރާތުން އަލީ ޝިމާން ރަޝީދަށް އެތަން ކުއްޔަށް ދޫކުރީ، އޭނާ ގޭގެ ވެރިފަރާތަށް ބިރު ދެއްކުމުން ކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބަންދާ މެދު ގޮތެއް ނިންމި އެ އަޑުއެހުމުގައި ފުލުހުން އެ މީހުންނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާތީއާއި އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އަމުރުކުރީ 15 ދުވަހަށް ބަންދު ކުރުމަށެވެ.
މުހައްމަދު އިޝާން
ކުށް
ކުށް
ކުށް
ކުށް