ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ތާމެލް ސަރަހައްދުގައި ހުންނަ ހޮޓަލެއް ފާސްކޮށް، ގިނަ އަދަދެއްގެ ނޭޕާލް ރުޕީސް އާއި ބޭރު ފައިސާތަކެއް ހޯދައި، ދިވެއްސަކު ހިމެނޭ ގޮތަށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ނޭޕާލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޗިޓްވާންގެ ބިސޯނީއަށް ނިސްބަތްވާ، މިހާރު ތާމެލްގައި ދިރިއުޅެމުންދާ އުމުރުން 20 އަހަރުގެ ސްނެހާ ރިމާލް އާއި ދިވެހި ރައްޔިތެއް ކަމުގައިވާ ޔުގިތު އިބްރާހީމެވެ. ފުލުހުން މި ދެ މީހުން ހައްޔަރުކުރީ ނޭޕާލުގެ ސްނޯލައިން ހޮޓެލުންނެވެ.

ޑިސްޓްރިކްޓް ޕޮލިސް ކޮމްޕްލެކްސް ކަތަމަންޑޫގެ އެސްޕީ ޑާން ބަހާދުރު ތާޕާއާ ހަވާލާދީ ނޭޕާލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ރިޕޯޓުނުކޮށް ފައިސާ ފޮރުވައިގެން ގެންގުޅޭ ކަމުގެ މައުލޫމާތަކާ ގުޅިގެން ހޮޓެލް ފާސްކުރި އިރު 5,050,000 ނޭޕާލް ރުޕީސް ނަގުދު ފައިސާގެ ގޮތުގައި ވަނީ ހޯދައިފައެވެ. މީގެ އިތުރުން ހައްޔަރުކުރެވުނު މީހުންގެ އަތުން 4,215 އޮމާނީ ރިޔާލް އާއި 55 ޔޫއޭއީ ދިރުހަމް ވެސް ވަނީ ހޯދައިފައެވެ.

ހައްޔަރުކުރި ދެ މީހުންގެ މައްސަލަ ނޭޕާލް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.