ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފައި ނުވަނީސް އެފަދަ ޖިނާއީ ތަހުގީގެއް ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ކުރަމުންދާ ކަމަށް ބުނެ، އޭސީސީގެ ރައީސް އާދަމް ޝަމީލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީ ފޮނުވައި ދޮގު މައުލޫމާތު ދީފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަކީލު އިބްރާހިމް ޝަމީލް މިއަދު މީޑިއާތަކަށް ފޮނުވި ނޫސްބަޔާނެއްގައި ބުނީ ޝާމިލްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ.

"ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝަމީލް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު (06 އެޕްރީލް 2025) ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލައެއް ހުށަހަޅާފައިވެއެވެ،" ވަކީލުގެ ނޫސްބަޔާނުގައި ބުންޏެވެ.

އަދި "ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސާލަގައިވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު (06 އެޕްރީލް 2025) ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލައެއް ހުށަހަޅާފައިވެއެވެ،"

ޝާމިލް، މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކުރި މައްސަލައެއް ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭސީސީއަށް ވެސް ހުށަހަޅައިފައެވެ. އޭސީސީގެ އޮފިޝަލަކު މިދިޔަ މަހުގެ 18 ވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ އެ މައްސަލަ ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

21 ޖެނުއަރީ 2020: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓް އަދި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން ހުވައިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު -- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ވަކީލުންގެ ނޫސްބަޔާނުގައި އިތުރަށް ބުނީ ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ޖޭއެސްސީން ތަހުގީގުކުރާ ސުލީކީ މައްސަލަތަކުގެ ތެރެއިން ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ތަހުގީގު ރިޕޯޓަށް މިއަދު ފަނޑިޔާރު އަޒްމިރަލްދާ ވަނީ ލިޔުމުން ޖަވާބު ހުށަހަޅުއްވައިފައި ކަމަށެވެ.

އެގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅުއްވި ޖަވާބުގައި ވަނީ ޖޭއެސްސީން މައްސަލަ ބަލަން ނިންމީ އިޖުރާއަތާ ހިލާފަށްކަން ފާހަގަކޮށް، މައްސަލަ ބެލުމަށް ނިންމާފައިވަނީ ޖޭއެސްސީގެ އިސްނެގުމަށް މައްސަލަ ބެލުމުގެ އިޖުރާއަތާ ހިލާފަށް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ޖޭއެސްސީން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށްކަން ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރައްވާފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

ޖޭއެސްސީން މައްސަލަ ތަހުގީގު ކުރި އިރު ޖަވާބުދާރީވުމާއި ދިފާއުވުމުގެ ހައްގަށް ހުރަސް އަޅައިފައިވާކަން ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރެއްވި ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ. އެކަމުގެ ސަބަބުން އިޖުރާއީގޮތުން ކަންކަން ހުށަހެޅުމަށް ވެސް ހުރަސްތަކެއް ކުރިމަތިވިކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

އަދި ކޮމިޓީގެ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން އެދުނު ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށް ޖޭއެސްސީން ނިންމީ ގާނޫނީ ހަމައެއް ނެތިކަން ފަނޑިޔާރު ފާހަގަކުރެއްވި ކަމަށެވެ.

މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓުގައި ހަގީގަތާ ހިލާފު ކަންކަން ހުރިކަން ފާހަގަކުރައްވައި، ޖޭއެސްސީން ތަހުގީގު ހިންގަނީ މައްސަލަ ބަލަންޖެހޭ އަސާސެއް ވެސް ނެތި ނުނިޔަތެއްގައިކަން ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރައްވާފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް މައްސަލައެއް ފެތޭ ހާލަތެއްގައި ނެތްކަން ވެސް ފަނޑިޔާރު އަޒްމިރަލްދާ ފާހަގަކުރެއްވި ކަމަށެވެ. ފަނޑިޔާރު އަޒްމިރަލްދާ، ޖޭއެސްސީއަށް ހުށަހަޅެޅުއްވި ޖަވާބުގައި ފަނޑިޔާރުގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރުމަށް 17 ކިތާބީ ހެކި އަދި 11 ޝަފަހީ ހެއްކެއް ހުށަހަޅައިފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ. އަދި ހުށަހަޅާފައިވާ ހެކިން ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށް ވެސް ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގެންފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.

މި މައްސަލައަކީ އަސާސެއްނެތި ތަހުގީގުކުރާ މައްސަލައެއްކަން ފާހަގަކުރައްވައި މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގެންފައިވާ ކަމަށް ވަކީލުންގެ ނޫސްބަޔާނުގައި ބުންޏެވެ.