ސްޕެނިޝް ލީގުގެ ތަށްޓަށް ވާދަކުރަމުންދާ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި ވެލެންސިއާ ކައިރިން ބަލިވި އިރު، މިވަގުތު އެއްވަނައިގައި އޮތް ބާސެލޯނާއިން ރެއާލް ބެޓިސްއާ އެއްވަރުވެއްޖެއެވެ.
ލަ ލީގާގެ ތަށީގެ ރޭސް ފޯރިގަދަވެފައިވާ އިރު، ރޭ ރެއާލުން އަމިއްލަ ދަނޑުގައި ވެލެންސިއާ ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އޭގެ އިރުކޮޅެއްފަހުން ބާސާއިން ބެޓިސް ކައިރިން 1-1 އިން އެއްވަރުވި އިރު، އެ ޓީމު އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެއްގައެވެ.
ބާސާއިން މިހާތަނަށް ކުޅުނު 30 މެޗުން 67 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް ދެވަނައިގައި އޮތީ 30 މެޗުން 63 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް އަދި ލީގު ހޯދުމަށް ފުރުސަތު އޮތް އިރު، އެޓީމަށް 29 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ.
ވެލެންސިއާއިން ރެއާލް ބަލިކުރި މެޗުގެ 15 ވަނަ މިނެޓުގައި ލީޑު ނެގީ ވެލެންސިއާއެވެ. އަންދްރޭ އަލްމެއިޑާ ނެގި ހުރަސް އޭރިއާ ތެރެއިން މޯކްތާ ޑިއަހަބީ ގޯލަށް ވައްދާލި އިރު، ފުރަތަމަ ހާފުގައި ރެއާލަށް ލިބުނު ޕެނަލްޓީ ވިނީޝިއަސް ޖޫނިއާ އަތުން ވީ ބޭކާރެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ވިނީޝިއަސްގެ ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، 50 ވަނަ މިނެޓުގައި އޭނާ ރެއާލަށް އެއްވަރުކޮށްދިނެވެ.
ވެލެންސިއާއިން މެޗު ކާމިޔާބުކުރީ 95 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. ހޫގޯ ޑުރޯ ބޮލުން ޖެހި އެ ބޯޅަ ހުއްޓުވަން، ރެއާލްގެ 19 އަހަރުގެ ގޯލްކީޕަރު ފްރޭން ގޮންޒާލޭޒަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.
ބާސާއިން ރޭގެ މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ އިރު، އެޓީމުން ހަތްވަނަ މިނެޓުގައި ގޯލު ޖެހީ ގަވީ ޖެހި ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކުރީ މޮޅު ކުޅުމަކާއެކުގައެވެ.
އޭގެ 10 މިނެޓް ފަހުން ބެޓިސް އެއްވަރުކުރިއެވެ. އެއީ ޑިފެންޑަރު ނަތަން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ، ބާސާއިން އިތުރު ފުރުސަތުތައް ތަނަވަސްކޮށްފައިވި ނަމަވެސް، އެޓީމަށް ގޯލެއް ނުޖެހި ނިމުންވީ މާޔޫސް ކަމަކަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ