އިޓަލީގެ ކަޕް، ކޮޕާ އިޓަލިއާގެ ސެމީ ފައިނަލުގައި އޭސީ މިލާނާއި އިންޓަ މިލާން ވާދަކުރި ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ސަން ސީރޯގައި ރޭ ކުޅުނު މެޗަކީ މިލާންގެ ހޯމް މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ބޮޑަށް ނުރައްކާކޮށް، ހަމަލާތައް އުފެއްދިއެވެ. ޖޯގިން ކޮރެއާ އާއި ހަކާން ޗަލަނޮގްލޫގެ އިތުރުން ޑާވިޑޭ ފްރެޓޭސީ އުފެއްދި ހަމަލާތަކުން އޭސީ މިލާން ސަލާމަތްކޮށްދިނީ ކީޕަރު މައިކް މައިނަންއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ލީޑު ނެގީ އޭސީ މިލާނުންނެވެ. ކުޅުމުގެ އޮއެވަރާ ހިލާފަށް އެޓީމަށް ލީޑު ނަގައިދިނީ ޗެލްސީއަށް ކުރިން ކުޅުނު ފޯވަޑް ޓެމީ އަބްރަހަމްއެވެ.

އެ ގޯލާއެކު އޭސީ މިލާނުން ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް، 20 ވަރަކަށް މިނެޓްފަހުން ޗަލަނޮގްލޫ ވަނީ އިންޓައަށް އެއްވަރުކޮށްދީފައެވެ.

އޭގެ ފަހުންވެސް އިންޓަ ނުރައްކާ ކުރި ނަމަވެސް، އޭސީ މިލާންގެ ކީޕަރު މައިކް ވަނީ މުހިއްމު ދެތިން ސޭވެއް ކޮށްފައެވެ.

ރޭގެ މެޗަކީ މިހާތަނަށް މި ސީޒަނުގައި ފެނިގެން ދިޔަ ހަތަރު ވަނަ މިލާން ޑާބީއެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އިންޓަ ނަމަވެސް، މިހާތަނަށް އިންޓައަށް މި ސީޒަނުގައި އޭސީ މިލާން ބަލިކުރެވިފައެއް ނުވެއެވެ.

މިލާން ދެޓީމު ވާދަކުރާ ކޮޕާ އިޓާލިއާގެ ދެވަނަ ލެގު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.