އޭސީ މިލާން ބަލިކޮށް، ބޮލޯނިއާ އިން އިޓަލީގެ ކަޕް ކާމިޔާބުކޮށްފިއެވެ.

ބޮލޯނިއާ އިން ކޮޕާ އިޓަލިއާ ކާމިޔާބު ކުރީ ރޭ 1-0 އިން އޭސީ މިލާން ބަލިކޮށްގެންނެވެ. ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު ފައިނަލް މެޗުން ލިބުނު ކާމިޔާބީއަކީ ބޮލޯނިއާގެ ތާރީހުގައިވެސް މުހިންމު ކާމިޔާބީއެކެވެ.

ރޭ ހޯދީ ތަށްޓަކީ 1974 ވަނަ އަހަރަށްފަހު ބޮލޯނިއާ އިން ހޯދި ފުރަތަމަ ތަށްޓެވެ. ބޮލޯނިއާ އިން މީގެ ކުރިން ހޯދާފައިވާ ދެ ތަށްޓަކީވެސް ކޮޕާ އިޓާލިއާއެވެ. 1970 އަދި 1974 ވަނަ އަހަރުވެސް ބޮލޯނިއާ އިން ކޮޕާ އިޓާލިއާ ކާމިޔާބު ކުރި އިރު، އެންމެފަހުން އެ ތަށި ހޯދީ 51 އަހަރު ކުރިންނެވެ.

ބޮލޯނިއާއަކީ 2008 ވަނަ އަހަރު ފަހުން، ޔުވެންޓަސް، އިންޓަ މިލާންގެ އިތުރުން ނަޕޯލީ އަދި ލާޒިއޯ ފިޔަވާ އިޓަލީ ކަޕް ނެގި ފުރަތަމަ ޓީމެވެ. އޭސީ މިލާނުންވެސް އެންމެފަހުން އިޓަލީ ކަޕް ކާމިޔާބުކުރީ 2003 ވަނަ އަހަރުއެވެ.

ރޭ މިލާން ކައިރިން 1-0 ބޮލޯނިއާ މޮޅުވި މެޗުގެ ހަމައެކަނި ގޯލު، މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ ޑޭން އެންޑޯއީއެވެ. އެ ގޯލު އޭނާ ޖެހީ އޭރިއާ ތެރެއިން ލިބުނު ހުސް ބޯޅައެއްގައި، ފަސޭހަކޮށް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ފުރަތަމަ ހާފުގައި މިލާނުން ނުރައްކާ ކޮށް، ހަމަލާތައް އުފެއްދި ނަމަވެސް، އެ ހަމަލާތައް ކާމިޔާބު ވެގެން ގޮސްފައެއް ނުވެއެވެ. ލޫކާ ޖޮވިޗް ފުލުފުލުގައި ޖެހި ބޯޅައެއް، ލޫކަޒް ސްކޮރުޕްސްކީ މަތަކުރި އިރު، ފަހު ހާފުގައި ބޮލޯނިއާއިން ވަނީ ވަރުގަދަކޮށް ޑިފެންސް ކޮށްފައެވެ.