އިޓަލީގެ ކަޕް، ކޮޕާ އިޓާލީގެ ފައިނަލުގައި ރޭ ޔުވެންޓަސް އިން އެޓްލާންޓާ ބަލިކޮށްފިއެވެ.
ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ކޮޕާ އިޓާލިއާގެ ފައިނަލުގައި ޔުވެންޓަސް އިން އެޓްލާންޓާ ބަލިކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް އިން ކޮޕާ އިޓާލިއާގެ 15 ވަނަ ތަށި ހަމަކޮށްފައިވާ އިރު، އެ ޓީމަކީ އެ މުބާރާތުގެ ތަށި އެންމެ ގިނައިންވެސް ހޯދާފައިވާ ޓީމެވެ. ރޭގެ ތައްޓަކީ މިދިޔަ ތިން އަހަރު ތެރޭގައި ޔުވެންޓަސް އިން ހޯދި ފުރަތަމަ ތައްޓެވެ.
އެ ޓީމަށް މިދިޔަ ދެތިން ސީޒަންވެސް އުނދަގޫކޮށް ގޮސްފައި ވަނީ ފައިސާގެ މައްސަލަތަކެއްގެ ތެރެއިންނާވެސް އެކުގައެވެ. ކްލަބު ބޯޑުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއްވެސް މިދިޔަ އަހަރު ޔުވެންޓަސްއަށް ދިމާވެފައިވާއިރު، އެކަންކަމުން އަރައިގަންނަން ރޭގެ ތަށި މުހިންމެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު، މެޗުގެ ހަތަރުވަނަ މިނެޓުގައި ޖެހީ ޑޫސާން ވްލަހޮވިޗެވެ. އޭނާ ޔުވެންޓަސް އަށް ލީޑު ނަގައި ދިނީ އަންދްރޭ ކަމްބިއާސޯގެ ބޯޅައަކުންނެވެ. އެ ގޯލާއެކު ޔުވެންޓަސް އިން ފުރަތަމަ ހާފުގައި ލީޑު ނެގި ނަމަވެސް އެޓްލާންޓާ އިން ދެވަނަ ހާފުގައި މެޗު އެއްވަރު ކުރުމާ ގާތަށް ޖެހިލިއެވެ.
އެގޮތުން އަޑެމޯލާ ލުކްމަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަނެއްކޮޅުން ޔުވެންޓަސްގެ ފަބިއޯ މިރޭޓީ ޖެހި ބޯޅަވެސް ދަނޑިއަށް އަމާޒުވެ، ޔުވެންޓަސް އިން ތަށި ޔަގީންކުރީ ހަނި މޮޅަކާއެކުގައެވެ.
ޕްރެޝަރުގައި ހުރި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީއަށް ރޭގެ މެޗުގެ ފަހުކޮޅުގައި ރަތް ކާޑު ދެއްކި އިރު، ރޭގެ ތައްޓަކީ އޭނާގެ ފަސްވަނަ ކޮޕާ އިޓާލިއާއެވެ. އަނެއްކޮޅުން އެޓްލާންޓާ އިން ރޭގެ މެޗަށް ނުކުތީ 1963 ވަނަ އަހަރަށްފަހު ފުރަތަމަ ޓްރޮފީއެއް ހޯދުމަށެވެ. އެހެންނަމަވެސް ރޭގެ މެޗުން އެކަން ހާސިލެއް ނުވިއެވެ.
އެޓްލާންޓާއަށް ތައްޓެއް ހޯދުމަށް މި ސީޒަނުގައި އަދި ފުރުސަތެއް އެބަ އޮތެވެ. އެއީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ.
އިޓާލިއަން ކަޕް
އިޓާލިއަން ކަޕް
އިޓާލިއަން ކަޕް
އިޓާލިއަން ކަޕް