އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ވާދަވެރި އެވަޓަން ބަލިކުރި އިރު، މެންޗެސްޓާ ސިޓީން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުުނު މާސީ ސައިޑް ޑާބީން ލިވަޕޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ލިވަޕޫލް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗުން 73 ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި އޮތް އާސެނަލަށް 30 މެޗުން 61 ޕޮއިންޓް ލިބިފައިވާ އިރު، ލިވަޕޫލަށް 20 ވަނަ ޕްރިމިއާ ލީގު ތަށި ޔަގީންކުރަން ބޭނުން ވަނީ 13 ޕޮއިންޓެވެ. އެއީ ބާކީ އޮތް އަށް މެޗުންނެވެ.
ރޭ ލިވަޕޫލާއި އެވަޓަން ވާދަކުރި މާސީ ސައިޑް ޑާބީއަކީ ރާއްޖެއަށްވެސް ހާއްސަވި މެޗެކެވެ. އެމެޗަކީ ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ، އެންފީލްޑްގައި އިޝްތިހާރުކުރަން ފެށި މެޗެވެ. މެޗަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަޑައިގެންފައިވެއެވެ. މެޗުގެ ކުރިން ރައީސް ވަނީ ލިވަޕޫލް ސްޓޭޑިއަމް ބައްލަވާ ލައްވައިފައެވެ.
ވާދަވެރިކޮށް ފެނިގެން ދިޔަ ޑާބީގެ ފުރަތަމަ ހާފު ފެނުނީ ހަމަލާތައް މަދުކޮށެވެ. އެވަޓަންއިން ޑިފެންސަށް ވިސްނައިގެން ކުޅުމާއެކު ލިވަޕޫލަށް ޖާގަ ހޯދަން އުނދަގޫވެގެން ގޮސްފައިވާ އިރު، އެވަޓަން ދިޔައީ ކައުންޓާގައި ނުރައްކާވެސް ކުރަމުންނެވެ.
ލިވަޕޫލްގެ ޑިފެންސް ލައިން ތެރެއިން ދެމިގަނެ، ބެޓޯ ކުރިއަށް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވި އިރު، އަނެއްކޮޅުން ލިވަޕޫލްގެ މުހައްމަދު ސަލާހަށް ލިބުނު ބޯޅަ އޭނާއަށްވެސް ނިންމައެއް ނުލެވުނެވެ.
ހަމަލާތައް މަދުކޮށް ދިޔަ މެޗުގެ ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ޑިއޭގޯ ޖޮޓާ ލިވަޕޫލަށް ލީޑު ނަގައިދިނެވެ. އެއީ އެވަޓަން އޭރިއާ ތެރެއިން ދެ ޑިފެންޑަރުން ނައްޓާލާފައި ވަދެ ޖެހި ގޯލެކެވެ.
އޭގެފަހުން ލިވަޕޫލުން ހަމަޖެހިލައިގެން ޑިފެންސްކޮށް، މުހިއްމު ތިން ޕޮއިންޓް ޔަގީންކުރިއެވެ.
ސިޓީން ރޭ އަމިއްލަ ދަނޑުގައި 2-0 އިން ލެސްޓާ ސިޓީ ބަލިކުރި އިރު، އެމޮޅާއެކުވެސް އެޓީމު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އެއީ 30 މެޗުން 51 ޕޮއިންޓާއެކުގައެވެ. ފަސްވަނައިގައި އޮތް ނިއުކާސަލްއާއި ހަވަނައިގައި އޮތް ޗެލްސީންވެސް ސިޓީއަށްވުރެ މެޗެއް މަދުން ކުޅެފައިވާ އިރު، ނިއުކާސަލްއަށް ވަނީ 50 ޕޮއިންޓް އަދި ޗެލްސީއަށް ވަނީ 49 ޕޮއިންޓް ލިބިފައެވެ.
އަނިޔާވެފައިވާ ހާލަންޑާ ނުލާ ރޭ ސިޓީން މެޗަށް ނުކުތް އިރު، އެޓީމަށް ލީޑު ނަގައިދިނީ ޖެކް ގްރީލިޝްއެވެ. ދެވަނަ މިނެޓުގައި ގްރީލިޝް ޖެހި އެ ގޯލަކީ، މިދިޔަ 16 މަސް ތެރޭގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.
އޮމަރު މަރްމޫޝް ސިޓީގެ ދެވަނަ ގޯލު ޖަހައި މޮޅު ޔަގީންކޮށްދިން އިރު، ސަސްޕެންޝަނުގެ ސަބަބުން ރޭގެ މެޗަށް ކޯޗު ޕެޕް ގާޑިއޯލާ ބެންޗަށް ނުކުމެފައެއް ނުވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު