ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފެށުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުނުވުމުގެ ސަބަބުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް އިތުރު މުބާރާތެއް ބާއްވަން ވިސްނަމުންދާ ކަމަށް ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށަން އެފްއޭއެމްއިން ނިންމާފައި ވަނިކޮށް، ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު، މިސްރުގެ އަހްމަދު ހައްރާޒު ވަނީ އެކަން މިވަގުތަށް މަޑުޖައްސާލަން އަންގައިފައެވެ.

މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށަން އެފްއޭއެމްއިން ތާވަލު ކުރި ނަމަވެސް، ސީޒަން ނުފެށި މިހާތަނަށް ވަނީ ބޮޑެތި ލަސްތަކެއް ކުރިމަތިވެފައެވެ. ކްލަބުތަކުގެ ފައިސާގެ ހާލަތާ ގުޅިގެން ސީޒަން ނުފެށި މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެފްއޭއެމް އޮތީވެސް ނޯމަލައިޒޭޝަން ހާލަތުގައެވެ.

އެންމެފަހުން އެފްއޭއެމްއިން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސީޒަން ފަށަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހަށެވެ. އެއީ ޗެރިޓީ ޝީލްޑުން ލީގު ފެށުމަށެވެ. އެފްއޭއެމްއިން އެންމެފަހުން ކްލަބުތަކަށް ދިން ތާވަލުގައި ވަނީ 10 ވަނަ ދުވަހު ލީގު ފެށުމަށެވެ.

ދާދިފަހުން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާފައިވާ އިރު، އެ ކޮންގްރެސްއަކީ ޖުޑިޝަރީ ބޮޑީތައް އެކުލަވާލަން ބޭއްވި ކޮންގްރެސްއެކެވެ. އެ ކޮންގްރެސްއަށްފަހު ފީފާގެ ހައްރާޒު ކްލަބުތަކާ ވަކިން ބައްދަލުކޮށްފައިވާ އިރު، އޭނާ ފީފާގެ ހިޔާލުވެސް ހުރީ ސީޒަން އަވަހަށް ފަށައި ކުރު ކޮށްލައިގެން ނަމަވެސް، ނިންމާލުމަށެވެ. އަދި އޮގަސްޓް މަހު 2025/26 ވަނަ އަހަރު ސީޒަން ފަށަން މަސައްކަތް ކުރަންވެސް އޭރު ހިޔާލު ބަދަލުކުރިއެވެ.

އެ ވިސްނުން ބަދަލުކޮށް، ފީފާއިން މިހާރު އަންގާފައި ވަނީ ލީގުގެ މަސައްކަތް ހުއްޓާލުމަށެވެ. އެފްއޭއެމްގެ ފަރާތުން ޝުޖާއު "ވަން ސްޕޯޓްސް" އަށް ވިދާޅުވީ މިވަގުތު އޮތް ގޮތުން ލީގަށް ފުރުސަތު ނެތް ކަމަށާއި ފީފާގެ އެ އެންގުމަށް އެފްއޭއެމްއިން އަމަލުކުރާނެ ކަމަށެވެ.

"މިވަގުތު އަންގާފައި އޮތީ ލީގު މަސައްކަތް ހުއްޓާލަން. އެކަމަށް އެފްއޭއެމްއިން އަމަލުކުރާނެ. ސީދާ އެކަން އެންގީ ކީއްވެގެން ކަމެއް ބުނަން ދަތި. އެހެން ނަމަވެސް، އެކަމުގައި ބައިވަރު ކަންތައްތަކެއް އެބަހުރި. ފުރަތަމަ ކަމަކަށް ނޯމަލައިޒޭޝަންގެ މެންޑޭޓް ހާސިލުކުރުމަށް ފީފާއިން ބޮޑަށް ބޭނުންވަނީ. އެހެންވީމަ މިހާރު ހުރި ފަންޑިންނަށްވެސް ބަލާއިރު، ފީފާގެ ފަންޑިން އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރަން ބޮޑަށް ވިސްނަން ޖެހެނީ ސީދާ މެންޑޭޓް ތަންފީޒުކުރުމަށް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިހާރު ލީގު ފެށުމަށް އޮތް ބަޖެޓަކީވެސް އެކަށޭނެ ބަޖެޓަކަށް ނުވާނެ ކަމަށާއި ފީފާއިން ބޮޑަށް ވިސްނުން ބެހެއްޓީ އެ އިދާރާއިން ފަންޑުކޮށްގެން އަންނަ ސީޒަނުގެ ލީގު ރަނގަޅަށް ފަށަން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަންވެސް ވިސްނާފައި ވަނީ ބެލެވޭ ގޮތުގައި މިވަގުތު އެފްއޭއެމްއަށް އޮތް ޒިންމާގައި ކުރިއަށް ގެންދަން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ މިހާރު ކްލަބުތަކުން ފަރިތަކުރުންތައް ފަށާފައިވުމާއެކު ކްލަބުތަކުގެ މެދުގައި ވާދަވެރި އިތުރު މުބާރާތެއް، ސަރުކާރާވެސް އެކުވެގެން ބޭއްވުމަށް މަސައްކަތްތަކެއް ކޮށް، މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން ކްލަބުތަކުގެ ގެއްލުން ކުޑަކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފީފާއިން މިވަގުތު ރާއްޖޭގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރަމުންދާ އިރު، އެންމެ މުހިއްމު ކަމެއް ކަމަށް އެ އިދާރާއިން ބަލައިގެން މަސައްކަތް ކުރަނީ އަސާސީ ގަވާއިދު އިސްލާހު ކުރުމަށެވެ. އަސާސީ ގަވާއިދު މިވަގުތު "ބޭސިކް" އަށް އިސްލާހު ކުރުމަށްފަހު، ސަރުކާރުގެ ކުޅިވަރު ގާނޫނު އިސްލާހުވުމާއެކު އަލުން އިސްލާހުކޮށް، ރީޖަނަލް އިދާރާތަކަކަށް ބާރުދެވޭނެ ވިސްނުމަކަށް ދާންވެސް އެފްއޭއެމް ތެރޭގައި މިވަގުތު ވަނީ މަޝްވަރާ ކުރެވިފައެވެ.

އޭގެ އިތުރުން އަސާސީ ގަވާއިދުގައިވެސް މާއްދާތަކަށް އަމަލުކުރުމުގައި ސާފު ގޮތްތަކެއް ހޯދަން، ގަވާއިދުގެ މާއްދާތަކުގެ ތަފްސީލާއި މާނަކުރާނެ ގޮތްތަކެއް އަދި ހާއްސަ ތަފްސީލުތަކެއް ހިމަނަންވެސް ޖެހިފައިވާ ކަމަށް ފީފާއިން ދެކެއެވެ.