ޔޫއެފާ ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑުން ކުޅުނު ދެވަނަ މެޗުގައި ރޭ ލަޓްވިއާ ކައިރިން ވެސް މޮޅުވެއްޖެއެވެ.
ޔޫއެފާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި އިންގްލެންޑް ވާދަކުރަމުން ދަނީ ގްރޫޕް ކޭގައެވެ. ފުރަތަމަ ބުރުގައި ވާދަކުރާ ގްރޫޕްތަކުގެ އެއްވަނަ ޓީމުތަކަށް ވޯލްޑް ކަޕުން ޖާގަ ޔަގީންވާ އިރު، ދެވަނައަށް ދާ ޓީމުތައް ދާނީ ކޮލިފިކޭޝަން ޕްލޭ އޮފް އަކަށެވެ.
އިންގްލެންޑުން ރޭ ލެޓްވިއާ ކައިރިން 3-0 އިން މޮޅުވެ ދެވަނަ މޮޅެއް ހޯދި އިރު، މެޗު ވެގެންދަނީ ފަސޭހަ މެޗަކަށް ނޫނެވެ. ލެޓްވިއާ ދުނިޔޭ ރޭންކިންގެ 140 ވަނައިގައި އޮތް ނަމަވެސް، އިންގްލެންޑް ހިފަހައްޓަން ރަނގަޅު މަސައްކަތްތަކެއް ކުރިއެވެ.
އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ދެވަނަ މެޗުން މޮޅުވާން އިންގްލެންޑުން ފުރަތަމަ ގޯލު ޖެހީ ހާފު ނިމެން ހަތް މިނެޓަށްވެފައި ވަނިކޮށެވެ. އެއީ 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހަށްފަހު އިންގްލެންޑް ފުރަތަމަ 11 އަށް ފުރަތަމަ ފަހަރަށް ނުކުތް ޗެލްސީ ކެޕްޓަން ރީސް ޖޭމްސް، ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ.
އޭގެފަހުންވެސް އިންގްލެންޑަށް ގޯލެއް ޖަހަން އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ދެވަނަ ގޯލެއް ހެރީ ކޭން ޖެހީ 68 ވަނަ މިނެޓުގައެވެ. އެއީ ގައުމީ ޓީމަށް ކޭން ކުޅުނު 105 މެޗުން ޖެހި 71 ވަނަ ގޯލެވެ.
އިންގްލެންޑްގެ ތިންވަނަ ގޯލު އެބެރެޗީ އެޒޭ ޖެހި އިރު، ކޯޗު ޓުޗެލް ވެފައި ވަނީ 2008 ވަނަ އަހަރު ހަވާލުވި ކޯޗު ފަބިއޯ ކަޕެއްލޯގެ ފަހުން އިންގްލެންޑް ގައުމީ ޓީމާއެކު ފުރަތަމަ ދެ މެޗު ކާމިޔާބު ކުރި ފުރަތަމަ ކޯޗަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް