އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ރޭ ކުޅުނު މެޗުގައި، ޝިލޯންގްގެ މޫސުމުގެ އަސަރު ޓީމަށް ކުރި ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ޝިލޯންގްގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި އިންޑިއާއިން ރޭ ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން އިންޑިއާ މޮޅުވި އިރު، އެއީ 2023 ވަނަ އަހަރު ފަހުކޮޅަށްފަހު، އެޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭގެ މެޗަކީ ދެޓީމުންވެސް އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗަށް ތައްޔާރުވާން ކުޅުނު މެޗެކެވެ.
ދެ ޓީމުންވެސް މިމަހުގެ 25 ވަނަ ދުވަހު މެޗު ކުޅެން ހަމަޖެހިފައިވާ އިރު، ރާއްޖެއިން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށް އެ ގައުމުގައެވެ. އިންޑިއާ ރޭ ކުޅުނު ދަނޑުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
"ޝިލޯންގް ފިނިކަމުން މޫސުމުގެ އަސަރު ޓީމަށް ކުރި. ރާއްޖެއަކީ ހޫނުގަދަ ގައުމެއް، އެހެންވީމަ މޫސުމުގެ އަސަރު ޓީމުގެ ކުޅުންތެރިންނަށް ކުރާނެ. އެހެންވިޔަސް މިއީ އާ ތަޖުރިބާއެއް. އެހެންވީމަ މާޔޫސްކަމެއް ނޫން އެއީ،" ސުޒޭން ބުންޏެވެ.
ރާއްޖޭގެ ލީގު މެދުކެނޑިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، މިވަގުތު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެސް އޮތީ ނޯމަލައިޒޭޝަން ހާލަތުގައެވެ. އެ ހާލަތުގައި އޮވެ، ރާއްޖެއިން މިފަހަރުގެ މެޗުތަކަށް ނުކުތީ މަދު ޕްރެކްޓިސްތަކަކަށްފަހުއެވެ.
ސުޒޭން ރޭގެ މެޗަށްފަހު އިތުރަށް ބުނީ މެޗުގައި ޓީމުން ކުޅުނު ޑިފެންސިވް ކުޅުން ރަނގަޅު ކަމަށާއި، ފަހަތުން ޖާގަތައް ބައްދަން ކުރި މަސައްކަތް ރަނގަޅު ނަމަވެސް، ސެޓް ޕީސްތަކުގައި ރާއްޖެއިން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
ރޭ ރާއްޖެއިން ޝިލޯންގައި ކުޅުނު އިރު، އެ ސަރަހައްދުން ފިނި ހޫނުމިން 18 ޑިގްރީ ސެލްޝިއަސްއިން 15 ޑިގްރީ ސެލްޝިއަސްއަށްވެސް ވެއްޓިފައިވެއެވެ.
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން