މިހާތަނަށް ފަސް ފަހަރު އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ކާމިޔާބުކޮށްފައިވާ މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހި ރާއްޖެ ހަމަޖައްސައި، އެކަން އިއުލާނުކޮށްފިއެވެ.
އިންޑިއާގެ މާކެޓަށް އަމާޒުކޮށް ވިސިޓް މޯލްޑިވްސްއިން ހެދި އެންމެ ބޮޑު އެއް އެއްބަސްވުމާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ބުނީ، އިންޑިއާ މާކެޓަކީ މުހިންމު ސޯސް މާކެޓެއް ކަމަށާއި، އެ މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.
މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ކުޅިވަރު ފްރެންޗައިސް ކަމަށްވީ އިރު، އެ އެއްބަސްވުމާއެކު އެ ކްލަބާއެކު ފާހަގަކޮށްލެވޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭނުތަކެއްވެސް ކުރިއަށްގެންދަން އެމްއެމްޕީއާރުސީން ވަނީ ނިންމައިފައެވެ. އަދި އެއްބަސްވުމާއެކު ކްރިކެޓް ސަޕޯޓަރުންނާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ މެހެމާންދާރީގެ ގާތުން ތަޖުރިބާކޮށްލަން އިތުރު އެހީއަކަށް ވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މުމްބާއީ އިންޑިއަންސްއާއެކު ހެދި ޕާޓްނާޝިޕާއެކު ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ އެ ޕާޓްނާޝިޕަކީ މައިލްސްޓޯން ކާމިޔާބީއެއް ކަމަށާއި، ރާއްޖެއާއި އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބަޔަކަށް ކްރިކެޓަކީ މަގުބޫލު ކުޅިވަރެއް ކަމަށެވެ. އަދި އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ޓީމާ ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ އިންސްޕިރޭޝަނަލް މަސައްކަތްތަކަކަށް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީން ދާދިފަހުން ލިވަޕޫލާއެކުވެސް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިސިޓް މޯލްޑިވްސް ހަމަޖައްސައި، އިއުލާނު ކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ