ފޯބްސް ޖޯޖިއާގައި ޝާއިއުކުރި، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕްރޮމޯޝަނަލް އާޓިކަލް، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އެ ވެބްސައިޓުން ނަގައިފިއެވެ.
"ދަ ރައިޒް، ފޯލް، އެންޑް ރީއިންވެންޝަން އޮފް އަހުމަދު އަދީބު" ގެ ނަމުގައި ޝާއިއު ކުރި މި ލިޔުން ވެބްސައިޓުން ނަގާފައިވަނީ، ދިވެހިރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބުގެ ދައުރު އޮތްކަން ފާހަގަކޮށް، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެންނެވެ.
އާޓިކަލް ނެގުމަށްފަހު ފޯބްސް ޖޯޖިއާއިން އާންމުކުރި ނޯޓިސްގައި ބުނެފައިވަނީ، އެ ލިޔުން ޝާއިއުކުރުމުގައި އަމަލުކޮށްފައިވާ ގޮތާއި، މައުލޫމާތު ހޯދާފައިވާ ގޮތް އިތުރަށް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. އެ ނޫހުގެ އެޑިޓޯރިއަލް މިންގަނޑުތަކާއި ކޮމާޝަލް ކޮންޓެންޓް ޝާއިއުކުރުމުގެ އުސޫލުތަކާ އެ ލިޔުން ފުށުއަރާތޯ ބަލަމުން އަންނަ ކަމަށްވެސް އެ ނޯޓިސްގައި ބުނެފައިވެއެވެ.
އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒުކުރެއްވި ބޭފުޅެކެވެ.
ފޯބްސް ޖޯޖިއާގައި ޝާއިއުކުރި ލިޔުމުގައި އޭނާ ސިފަކޮށްފައިވަނީ ވިޔަފާރީގެ ދާއިރާއިން އަލުން ކުރިއެރުން ހޯދަމުން އަންނަ ފަރާތެއްގެ ގޮތުގައެވެ.
ނަމަވެސް މި ލިޔުމަކީ ފައިސާ ދީގެން ޝާއިއުކޮށްފައިވާ ލިޔުމެއްކަން އެނގުމާއެކު، ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާ ފަރާތެއް ޕްރޮމޯޓުކުރުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. މި މައްސަލައިގައި ފޯބްސް ޖޯޖިއާއިން އިތުރު އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
އަހްމަދު އަދީބު އަބްދުލްގަފޫރު
އަހްމަދު އަދީބު އަބްދުލްގަފޫރު
އަހްމަދު އަދީބު އަބްދުލްގަފޫރު
ކޮމެންޓް