ބަންދު އަމުރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ކުރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކު ބަޔާންދީފައިނުވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަނޑިޔާރު އަޒްމިރަލްދާއަށް، ޖޭއެސްސީން ފޮނުވާފައިވާ ތަހުގީގު ރިޕޯޓާއެކު، އެ މައްސަލައިގެ ތަހުގީގު ކޮމިޓީއަށް ކުރިމިނަލް ކޯޓުގެ ތިން ގާޒީން ދީފައިވާ ހެކިބަހުގެ ޓްރާންސްކްރިޕްޓް ވެސް ފޮނުވާފައިވާ ކަމަށެވެ.

"5 ޑިސެމްބަރު 2024، ގައި ބަންދާމެދު ގޮތެއް ނިންމުމަށް ޑރ. އިސްމާއިލް ލަތީފް ކުރިމިނަލް ކޯޓަށް ހާޒިރު ކުރި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގެ ކުރިން، އެ އަޑުއެހުން ހިނގަމުންދިޔަ އިރު އަދި އެ އަޑުއެހުމުގެ ފަހުން ވެސް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެއްވެސް ކޯޓެއްގެ އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއްކޮށްފައި ނުވާކަން ކުރިމިނަލް ކޯޓުގެ ގާޒީންގެ ބަޔާންތަކުން ސާފުކޮށް އެނގެއެވެ. އަދި އެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަމިއްލައަށް ވިޔަސް ނުވަތަ އެހެން މީހަކު މެދުވެރިކޮށް ވިޔަސް ގުޅުއްވާފައި ނުވާކަން ވެސް ބަޔާންތަކުން ސާފުކޮށް އެނގެއެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭފަދަ ވާހަކައެއްވެސް، އެއްވެސް ގާޒީއަކު ދައްކަވާފައިނުވެއެވެ. އެހެންކަމުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވި ކަމަށް ބުނެ ތުހުމަތެއްކުރުމުގެ އަސާސެއްވެސް ނެތްކަމާއި އޮތްނަމަ އޮތީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއްކަމުގައި ދެކެމެވެ،" ވަކީލުންގެ ޓީމުން ބުންޏެވެ.

ވަކީލުންގެ ޓީމުން ބުނީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ކުރިމިނަލް ކޯޓުގެ ގާޒީން ދެއްވި ބަޔާންތަކުގައި ފަނޑިޔާރު އަޒްމިރަލްދާއާ ގުޅުވައި އެއްގޮތަކަށް ވެސް ވިދާޅުވެފައިނުވާ ވާހަކަތަކެއް ގާޒީއަކު ވިދާޅުވި ކަމަށް ބުނެ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވާކަން ފާހަގަކުރާ ކަމަށެވެ.

ވަކީލުންގެ ޓީމުން ބުނީ ކޮމިޓީގެ ތަހުގީގަށް ލިބިފައިވާ ބަޔާންތަކުން ފެންނަން އޮތްގޮތާ ކަނޑައެޅިގެން ހިލާފަށް އަދި އެ ބަޔާނަށް ހަވާލާދީ ތަހުގީގު ކޮމިޓީން ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނައިފައިވުމަކީ "ކޮމިޝަނުން ނުވަތަ ތަހުގީގުކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ އިންސާފުވެރިކަމާއެކު، ކޯޓުތަކާއި ފަނޑިޔާރުންނާ މެދު އޮންނަންޖެހޭ އިތުބާރު ގާއިމުކޮށް ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް،" ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ފަށާފައިނުވަނީސް، ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭސީސީގެ އާއްމު އިޖުރާއަތްތަކާ ހިލާފަށް އޭސީސީގެ ރައީސް އާދަމް ޝަމީމް ޖޭއެސްސީއަށް ސިޓީ ފޮނުވުމުގައި ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅި މައްސަލަ މިހާރު ރަޖިސްޓްރީ ކޮށްފައިވާކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

އެ މައްސަލަ ރަޖިސްޓްރީ ކުރިކަން އޭސީސީން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

"ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ރަޖިސްޓްރީ ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމި ނިންމުން މުރާޖާއާކުރުމަށް 9 މާޗު 2025 ގައި ހުށަހެޅި ނަމަވެސް އެ ހުށަހެޅުމާ މެދު މިހާތަނަށް ވެސް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑް ކުރި މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން، އެއްވެސް ލިޔުމެއް ފޯރުކޮށްދެވެން ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އަންގާފައެވެ،" ވަކީލުންގެ ޓީމުން ބުންޏެވެ.

މީގެ އިތުރުން ވަކީލުންގެ ޓީމުން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ ކަންކަމާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ސްޕެޝަލް ރެޕަޓުއާ އޮން އިންޑިޕެންޑެސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް އިއްޔެ މައްސަލަ ހުށަހަޅައިފައިވާނެ ކަމަށެވެ.

އަދި އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލު ކަމަށްވެސް އެ މައްސަލަތައް ގެނެސްފައިވާނެ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. - ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވަނިކޮށް ސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ އޭސީސީ އިން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. މާދަމާ އަނެއްކާ ވެސް އެ ދެ ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.